އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ: ސަރުކާރު

ޤައުމުތަކުން ދިވެހިރާއްޖެއަށް ހުށަހަޅާ ރިކޮމެންޑޭޝަން ތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފުވާ އެއްވެސް ރިކޮމެންޑޭޝަންއެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ޔުނިވަރސަލް ޕީރިއޮޑިކް ރިވިއު (ޔޫ.ޕީ.އާރު.) ގެ ތިންވަނަ ސައިކަލްގައި، ދިވެހިރާއްޖޭގެ ރިވިއު ސެޝަން މިއަދު ދިވެހިރާއްޖެ ގަޑިން 18:30 ގައި، ޖެނީވާގައި ހުންނަ އދ. ގެ މަރުކަޒުގައި ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

ޔޫ.ޕީ.އާރު. އަކީ، އ.ދ. ގެ މެންބަރު ޤައުމުތަކުން އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ކުރަމުންދާ މަސައްކަތްތަކާއި، އިންސާނީ ޙައްޤުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުންދާ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއުއެކެވެ.

ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ރާއްޖޭގެ ރިވިއު ކުރިއަށް ގެންގޮސްފައިވާ އިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ކުރިއަށް ގޮސްފައިވެ އެވެ.

މީގެ ކުރިން 2010 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ރާއްޖެ ވަޒަން ކޮށްފައި ވާއިރު، މިއަދު ބާއްވާ ތިންވަނަ ޔޫޕީއާރްގައި ރާއްޖޭގެ ވަފްދުގެ އިސްވެރިއަކީ އޭޖީ އިބްރާހިމް ރިފްއަތް އެވެ. އޭޖީގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރި ވަޑައިގަންނަވާނެ އެވެ. އޭގެ އިތުރުން ޖެނީވާގައި ހުންނަ އދ.ގެ ރާއްޖެ މަންދޫބު ޑރ. އާސިމް އަހުމަދާއި، ރާއްޖޭގެ އދ. މިޝަންގެ އޮފިޝަލުން މި ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.

މިއަދުގެ ސެޝަންގައި، ދިވެހިރާއްޖޭން ވޭތުވެދިޔަ 4 އަހަރާއި ބައިގެ ތެރޭގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތައް ރިވިއުކުރެވޭނެއެވެ. ދިވެހި ރާއްޖެއިން މިއަދުގެ ސެޝަންއަށް 3 ފެބުރުވަރީ 2020 ގައި ހުށަހަޅާފައިވާ ނޭޝަނަލް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތާއި، މަދަނީ ޖަމާޢަތްތަކާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އިން ހުށަހަޅާފައިވާ ސްޓޭކްހޯލްޑަރ ރިޕޯޓުތަކާއި، އ.ދ. ގެ އެކި ފަރާތްތަކުން ދިވެހިރާއްޖެއާ ގުޅޭގޮތުން ހުށަހަޅާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖެއާ ގުޅޭގޮތުން ޤައުމުތަކަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް ފުރުޞަތު ލިބިގެންދާނެއެވެ. އެގޮތުން، ދިވެހިރާއްޖެއަށް ރިކޮމެންޑޭޝަން ހުށަހެޅުމަށް 97 ޤައުމަކުން އެދިފައިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!