އދ ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތަކާ ގުޅޭގޮތުން ބާއްވާ ޔުނިވާސަލް ޕީރިއޮޑިކް ރިވިއު (ޔޫޕީއާރު)ގެ ސެޝަންގައި ރާއްޖޭގެ ފަރާތުން ތިން މިނިސްޓަރުންނާއި އެޓާނީ ޖެނެރަލް (އޭޖީ) ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ޔޫޕީއާރުގެ ރާއްޖޭގެ ރިވިއު ސެޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިއަދުގެ ޖެނީވާ ގަޑިން 14:30 ގައި، ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 6:30 ގައި, ޖެނީވާގައި ހުންނަ އދ. ގެ އޮފީހުގަ އެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް ތަބާވުމުގެ ގޮތުން، މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އިން-ޕާސަން އަދި ވާޗުއަލް ބައިވެރިވުން ހިމެނޭ، ހައިބްރިޑް މޮޑެލް އެއްގެ ގޮތުގަ އެވެ.
ޔޫޕީއާރަކީ އދ. ގެ މެންބަރު ގައުމުތަކުން އިންސާނީ ހައްގުތައް ރައްކާތެރިކުރުމުގައި ކުރަމުން އަންނަ މަސައްކަތްތަކާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގެ ޒިންމާ އަދާކުރަމުން އަންނަ މިންވަރު ދެނެގަނެ، ވަޒަންކުރުމަށްޓަކައި ކުރިއަށްގެންދެވޭ ރިވިއު ޕްރޮސެސް އެކެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ކުރިއަށް ގެންދާ މި ޕްރޮސެސްގެ ފުރަތަމަ ސައިކަލްގައި 2010 ވަނަ އަހަރު ރާއްޖޭގެ ރިވިއު ކުރިއަށް ގެންގޮސްފައިވާ އިރު، 2015 ގައި މި ޕްރޮސެސްގެ ދެވަނަ ސައިކަލްގައި ރާއްޖޭގެ ރިވިއު ކުރިއަށް ގޮސްފައިވެ އެވެ.
މީގެ ކުރިން 2010 ވަނަ އަހަރާއި 2015 ވަނަ އަހަރު ވެސް ރާއްޖެ ވަޒަން ކޮށްފައި ވާއިރު، މިއަދު ބާއްވާ ތިންވަނަ ޔޫޕީއާރްގައި ރާއްޖޭގެ ވަފްދުގެ އިސްވެރިއަކީ އޭޖީ އިބްރާހިމް ރިފްއަތް އެވެ.
އޭޖީގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ބައިވެރި ވަޑައިގަންނަވާނެ އެވެ.
އޭގެ އިތުރުން ޖެނީވާގައި ހުންނަ އދ.ގެ ރާއްޖެ މަންދޫބު ޑރ. އާސިމް އަހުމަދާއި، ރާއްޖޭގެ އދ. މިޝަންގެ އޮފިޝަލުން މި ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މި ބައްދަލުވުމުގައި އިންސާނީ ހައްގުތައް ރައްކާތެރި ކުރުމުގައި ރާއްޖޭން ހާސިލްކޮށްފައިވާ ކާމިޔާބީއާއި، މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކާއި، ސަރުކާރުގެ ސިޔާސަތުތައް ބަޔާންކުރުމަށްޓަކައި، މައިގަނޑު ހަތަރު ދާއިރާއަކުން އިންޓަވެންޝަންތައް ހުށަހެޅުމަށް ހަމަޖެހިފައި ވެއެވެ.
އެގޮތުން، އަދުލު އިންސާފާއި، މުޖުތަމައުގެ ހާއްސަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ގާނޫނު ތަންފީޒުކުރާ އިދާރާތައް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ހިޔާލުފާޅު ކުރުމާއި ޖަމިއްޔާ ޖަމާއަތްތައް ހެދުމުގެ މިނިވަންކަމާއި، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން މިނިސްޓަރުން އިންޓަވެންޝަން ހުށަހަޅުއްވާނެ ކަމަށް އޭޖީ އޮފީހުން މައުލޫމާތު ދެއެވެ.