ޝާހިދާ ރައްޓެހިވި ކަމަށްބުނާ ވާހަކަތަކަށް އަމްރިތާ ބުނަނީ ކީކޭ؟

2004 ވަނަ އަހަރު ނުކުތް ކާމިޔާބު ފިލްމު “ވިވާ” ގައި ޕޫނަމްގެ ރޯލް ކުޅެގެން ގިނަ ބައެއްގެ ލޯބި ހޯދި ބޮލީވުޑް ބަތަލާ އަމްރިތާ ރާއޯ، އެ ފިލްމުގައި ބަތަލުގެ ބައި ކުޅުނު އެކްޓަރު ޝާހިދު ކަޕޫރާ އޭރު އޮތް ގުޅުމާ ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

މިހާރު ބަލިވެ އިން ބަތަލާ ‘ޓައިމްސް އޮފް އިންޑިއާ’ އަށް ދިން އިންޓަވިއުއެއްގައި ބުނީ، އެދުވަސްކޮޅު އޭނާ ޝާހިދާ ރައްޓެހިވެގެން އުޅޭކަމަށް ދެކެވުނު ވާހަކަތަކަކުގައި ޙަޤީޤަތެއް ނެތް ކަމަށެވެ. އަދި ދެމީހުން އެކުގައި ހަތަރު ވަރަކަށް ފިލްމު ކުޅެ، އެ ފިލްމުތަކުގައި ދެމީހުންގެ ކެމިސްޓްރީ ބެލުންތެރިންނަށް ކިތަންމެ ކަމުގޮސްފައި ވިޔަސް އޭރުވެސް މާ ގާތް ގުޅުމެއް ނޯންނަ ކަމަށް ބުންޏެވެ.

“އަހަރެމެންނަކީ ބޭރުން ދިމާވެ އުޅުނު އެކުވެރިންނެއް ވެސް ނޫން. ހަމައެކަނި ފިލްމުގެ ޝޫޓްތަކުން ދިމާވަނީ”، އަމްރިތާ ހާމަކުރިއެވެ.

މީގެ އިތުރުން އަމްރިތާ ބުނީ، ޝާހިދާއެކީ މަސައްކަތްކުރި އިރު ޝާހިދު ހުރީ ހުސްކޮށެއް ވެސް ނޫން ކަމަށެވެ. “އަހަރެމެން ދެމީހުންނަކީ ހަމައެކަނި މަސައްކަތު މާހައުލުގެ އެކުވެރިން. އަދި އާޓިސްޓުންނަށް ވީތީ ދެމީހުން އެކަކު އަނެކަކަށް ކުރާ އިހުތިރާމު އޮވޭ”.

އަދި މީގެ ދުވަސްކޮޅެއް ކުރިން، ޝާހިދު އަމްރިތާއާއެކީ ފިލްމު ކުޅެން އުޅުނު ދުވަސްތައް މަތިން ހަނދާންވާ ކަމަށްބުނެ މީސްމީޑިއާގައި ހިއްސާކުރި ވާހަކައާ ބެހޭގޮތުން އަމްރިތާ ބުނީ އެކަމާ ވަރަށް އުފާވާ ކަމަށާއި ޝާހިދަކީ އެކުގައި މަސައްކަތް ކޮށްލަން ވަރަށް ފަސޭހަ ތަރިއެއް ކަމަށެވެ.

ނަމަވެސް “ވިވާ” އަށް ފަހު ދެމީހުން އެއް ފިލްމަކުން ނުފެންނަ ސަބަބާ ބެހޭގޮތުން އަމްރިތާ ޖަވާބު ދީފައެއް ނުވެއެވެ. ބުނިހާ ވެސް އެއްޗަކީ އެއީ ވަރަށް ރަނގަޅު ސުވާލެއް ކަމެވެ.

އަމްރިތާ ރާއޯ ވަނީ 2016 ވަނަ އަހަރު އާރްޖީ އަންމޯލް އާ ކައިވެނިކޮށްފައެވެ. އަދި މިހާރު އެ ދެމަފިރިން އަންނަނީ އެމީހުންގެ އަލަތު ދަރިފުޅަށް މަރުހަބާ ކިޔުމަށް ތައްޔާރުވަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!