ވެންޓިލޭޓަރު މައްސަލަ ރިވިއުކަރަން ޕީޖީގައި އެދެން ނިންމި ކޮމިޓީ ރިޕޯޓް އެޖެންޑާކޮށްފި

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ ނިންމެވި ނިންމެވުން މުރާޖައާކުރުމަށް އެދެން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމެޓީން ނިންމާފައިވާ ރިޕޯޓް ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

ޖުޑީޝަރީ ކޮމެޓީން އެގޮތަށް ނިންމިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް ވަނީ ޕީޖީ އޮފީހުގައި އެ މައްސަލަ މުރާޖައާކޮށްދިނުމަށް އެދިފައެވެ.

ކޮމެޓީން މި މައްސަލަ ނިންމިއިރު، ތިން ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ. ފުރަތަމަ ހުށަހެޅުމަކީ އޭސީސީއާ ފުލުހުން ފަދަ ކަމާ ގުޅުން ހުރި ތަހުގީގީ އިދާރާތަކުގައި ހުރި މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތުތައް ހޯދުމަށް ޕީޖީއަށް ރައްޔިތުންގެ މަޖިލީހުން ލަފާ އެރުވުމެވެ. ދެވަނަ ހުށަހެޅުމަކީ ތަހުގީގީ އިދާރާތަކުގައިވާ މައުލޫމާތުތައް ހޯދުމަށް ފަހު ދައުވާ ކުރުމުގައި ކުރިން ޕީޖީއިން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރުމާ މެދު ގޮތެއް ނިންމަން ޕީޖީއަށް ލަފާ އެރުވުމެވެ. އަދި ތިންވަނަ ހުށަހެޅުމަކީ މައްސަލަ މުރާޖައާކުރުމަށް ޕީޖީ އޮފީހުން ނިންމާ ނިންމުމަށް ޖުޑީޝަރީ ކޮމިޓީއަށް އެންގުމެވެ.

ވެންޓިލޭޓަރުތައް ގަތުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން އޭސީސީ އާއި ޕީޖީ އޮފީހާ ދެމެދު ޙިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، މި މައްސަލަ ނިމެންދެން މަޖިލީހުން ވެސް ފާރަވެރިވާންޖެހޭ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެ, ޖުޑިޝަރީ ކޮމިޓީއަށް މެމޯއެއް ވެސް ފޮނުއްވިއެވެ.

ވެންޓިލޭޓަރު މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާއެކު 11 ބޭފުޅެއްގެ މައްޗަށް ދައުވާކުރަން ޕީޖީގެ އޮފީހަށް ފޮނުވިއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!