ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް: ނައިބު ރައީސް

ދަރިންނަކީ ރަނގަޅު ތަރުބިއްޔަތެއް ލިބިފައިވާ ހަރުދަނާ ބަޔަކަށް ހެދުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ އިންގްލިޝް ޕްރެޕަރޭޓަރީ އެންޑް ސެކަންޑަރީ ސްކޫލް (އީ.ޕީ.އެސް.އެސް) އިން ތަޢުލީމު ހާސިލުކުރި ދަރިވަރުންތަކެއް އިސްނަގައިގެން “އީ.ޕީ.އެސް. ހަނދާން” ގެ ނަމުގައި ތައްޔާރުކުރި މަޖައްލާ ނެރެދެއްވުމާއި، އީ.ޕީ.އެސް. ފައުންޑޭޝަންގެ ވެބްސައިޓް އިފްތިތާޙްކުރުމަށް މިއަދު ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ސްޓެލްކޯގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެ މަނިކުފާނުގެ ސްކޫލު ދައުރުގެ ހަނދާންތައް އައުކުރައްވާ، އީ.ޕީ.އެސް. ސްކޫލުން ދަރިވަރުންގެ ތަރުބިއްޔަތަށް ކުރެއްވި ގިނަގުނަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ. އެ ގޮތުން، އީ.ޕީ.އެސް. ސްކޫލުން ދަރިވަރުވި އެތަކެއް ބަޔަކު މިއަދު ޤައުމުގެ ޒިންމާދާރު އެކިއެކި މަޤާމުތަކާއި މަސައްކަތްތަކުގައި ޚިދުމަތްކުރަމުންދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން، ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް އީ.ޕީ.އެސް. ސްކޫލުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ ސްކޫލުގެ ކުރީގެ ހިންގުންތެރިންނާއި މުދައްރިސުންނަށް އެ މަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މިއަދު ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އީ.ޕީ.އެސް. ސްކޫލުގެ ކުރީގެ ދަރިވަރުންގެ ހަނދާނުގައި ނެރުނު “އީ.ޕީ.އެސް. ހަނދާން” މަޖައްލާ ވެސް ރަސްމީގޮތުން އިފްތިތާޙުކޮށްދެއްވާފައެވެ. އީ.ޕީ.އެސް. ސްކޫލް އުފެދުނީ 1968 ވަނަ އަހަރުގެ ޖޫން މަހުގެ 21 ވަނަ ދުވަހުއެވެ. އެ ސްކޫލުން 26,000 އަށްވުރެ ގިނަ ދަރިވަރުން ތަޢުލީމު ހާސިލުކޮށްފައިވެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!