ރޭކާ އައިޝްވާރިޔާއަށް ފޮނުވި ސިޓީގައި އޮތީ ކީކޭ ކަން އެނގޭތަ؟

އައިޝްވާރިޔާ ރާއީ އާއި ރޭކާ އަކީ ބޮލީވުޑްގެ ވަރަށް ވަރުގަދަ، ކާމިޔާބު ދެ ބަތަލާއިންނެވެ. އަދި އެދެމީހުންނަކީ ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ތަރިންނެވެ. އެހެނަސް ގިނަ ބަޔަކަށް އަޅައިގަންނަ ތަންކޮޅަކީ، އައިޝްވާރިޔާއަކީ ބޮލީވުޑްގެ ދުވަސްވީ ކުޅަދާނަ އެކްޓަރު އަމީތާބް ބައްޗަންގެ ޅީދަރިފުޅަށް ވެފައި، އަމީތާބާއި ރޭކާގެ ކުރީގެ ލޯބީގެ ކުޅިގަނޑެވެ.

އެކަން އެހެން އޮތަސް، ރޭކާއަކީ އައިޝްވާރިޔާގެ “ފޭނެއް” ވެސްމެއެވެ. މީގެ އެއް ހެއްކަކީ، ރޭކާ ވަނީ މީގެކުރިން އައިޝްވާރިޔާއަށް ތަޢުރީފުކޮށް ވަރަށް ޙާއްސަ ސިޓީއެއް ފޮނުވައިފައެވެ. އެ ސިޓީގައި ރޭކާ ލިޔެފައިވާ ގޮތުގައި، އައިޝްވާރިޔާއަކީ ވަރަށް ހިތްވަރުގަދަ އަންހެނެކެވެ. އަދި ކާމިޔާބީއަށް މަސައްކަތް ކުރުމުގައި މީހަކު ކިޔާ އެއްޗަކަށް ބެލުމެއްނެތި ބުރަ މަސައްކަތް ކުރުމުގައި ދެމިހުންނަ މީހެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން އައިޝްވާރިޔާގެ ރީތިކަމަށް ވެސް ރޭކާ ތަޢުރީފުކޮށްފައި ވެއެވެ. ހަމައެހެންމެ އައިޝްވާރިޔާއަކީ ވަރަށް ލޯބިވެތި މަންމައެއް ކަމަށާއި، އަރާދްޔާދެކެ ވާ ލޯބި ފެނިފައި ހިތަށް އުފާވެރިކަން ގެނެސްދޭ ކަމަށް ރޭކާ ބުންޏެވެ.

“ތިބާ އަދާކުރި ކޮންމެ ރޯލެއް ވެސް އަދާކޮށްފައި ވަނީ އެންމެ ފުރިހަމައަށް”، އައިޝްވާރިޔާގެ އެކްޓިންގ ފާހަގަކޮށް ރޭކާ ލިޔެފައިވެއެވެ.

މި ސިޓީއަކީ އައިޝްވާރިޔާ ބޮލީވުޑްގައި މަސައްކަތް ކުރާތާ 20 އަހަރު ފުރުމާ ގުޅިގެން އޭރު ރޭކާ ފޮނުވި ސިޓީއެކެވެ. މީގެ އިތުރުންވެސް، އެދެމެދުގައި އޮންނަ ޙާއްސަ ގުޅުން މީގެކުރިން އެވޯޑު ޝޯތަކުގައި ވެސް ފެނިގެންގޮސްފައި ވެއެވެ. އެގޮތުން އެއް އެވޯޑު ޝޯގައި އައިޝްވާރިޔާ ރޭކާގެ ފައިގައި އަތްޖައްސާފައި “މާ” އޭ ބުނުމުން އެކަން ވެގެންދިޔައީ ގިނަ ބަޔަކަށް ޤަބޫލުކުރަން ދަތިވި ކަމަކަށެވެ. ސަބަބަކީ ރޭކާއަކީ އައިޝްވާރިޔާގެ މައިދައިތަ ޖަޔާ ބައްޗަންގެ ހަތުރަކަށް ވާއިރު، އެންމެންގެ ކުރިމަތީގައި އެހެން ބުނަން ކެރުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!