ދޯނި ހައިޖެކްކުރި މައްސަލައިގައި ހައްޔަރުކުރި 16 މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކުރަނީ

ލ. ވަޑިނޮޅި ކައިރީ އެން ހިފަން އުޅެނިކޮށް ތޫނު އެއްޗެއްސާއި އެކު “ފަސްކުރި” ދޯންޏަށް އެރި މައްސަލައާ ގުޅިގެން ހައްޔަރުކުރި 16 މީހުން ވެސް ދޫކޮށްލައިފިއެވެ.

ފުލުހުން ބުނީ އެމީހުން ދޫކޮށްލީ އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކަމަށެވެ. އަދި އެމީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފް ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައިގައި ވަށައިގެންވާ ހުރިހާ ކަމެއް ވެސް ތަހުގީގު ތެރެއިން ބެލިގެންދާނެ ކަމަށް ފުލުހުން ބުނެއެވެ. އަދި މިފަދަ ކަންކަމުގައި ފުލުހުން އަމަލުކުރާ އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ގޮސްފައިވާނަމަ އެކަމެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑަށް ނުވަތަ ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނަށް ހުށަހެޅުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން ފުލުހުންގެ އިދާރާއިން ވިދާޅުވީ، ކޯޓުން މައްސަލައިގައި ހިމެނޭ އެންމެން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ޕީޖީ ގައި ދަންނަވާފައި ވާނެ ކަމަށެވެ.

ދޯނި ހައިޖެކް ކުރިކަމަށް ދޯނީގެ ފަޅުވެރިން ބުނަމުންދިޔަ ނަމަވެސް، ދޯނީގެ ވެރިފަރާތުން ވަނީ އެކަން ދޮގު ކޮށްފައެވެ. ދޯނީގެ ވެރިފަރާތުން ބުނެފައިވަނީ، ދޯންޏަށް ދައްކަންޖެހޭ ފައިސާ ނުދައްކާ 2 އަހަރު ވެފައިވާ ކަމަށާއި، އެހެން ކަމުން ލ. އަތޮޅަށް ދޯނި ވަނުމުން ސުލްހަވެރި ކަމާއި އެކު ދޯންޏާއި ހަވާލުވީ ކަމަށެވެ. އަދި އެރޭ ދޯންޏާއި ހަވާލުވާން ދިޔައިރު ފުލުހުންނާއި ވެސް އެކަން ހިއްސާކުރަމުން ދިޔަ ކަމަށާއި، އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައި ނުވާނެ ކަމަށެވެ.

މި ދޯންޏަކީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ކުންފުންޏަކަށް 7 މިލިއަން ރުފިޔާ އަށް ވިއްކާފައިވާ ދޯންޏެއް ކަމަށާއި، އެހެން ނަމަވެސް ފުރަތަމަ ދެއްކި 7 ލައްކަ ރުފިޔާ ފިޔަވާ އެހެން ފައިސާއެއް ދޯނީގެ ވެރިފަރާތަށް ދީފައިނުވާކަމަށް ދޯނީގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!