އުމުރުން އެންމެ 3 އަހަރުގައި ޖިންސީ ގޯނާގެ ޝިކާރައަކަށްވި: ފާތިމާ

“ޑަންގަލް” ފިލްމުން މަޝްހޫރުކަން ލިބުނު ބޮލީވުޑް އެކްޓްރެސް ފާތިމާ ސަނާ ޝެއިޚް، އޭނާގެ އުމުރުން އެންމެ ތިން އަހަރުގައި ޖިންސީ ގޯނާ ލިބުނު ކަމަށް ބުނެފިއެވެ.

‘ޕިންކްވިލާ’ އަށް ދިން ޙާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން 28 އަހަރުގެ ބަތަލާ ބުނީ، އޭނާ އެހާ ހިސާބަށް ގޮސްފައި އެވަނީ އެތައް ދަތިތަކާއި އުނދަގޫތަކެއް ހުރަސްކޮށްފައި ކަމަށެވެ. އެގޮތުން ގޭތެރެއިން ކުޑައިރު ޖިންސީ ގޯނާ ލިބި، ބޮޑުވެގެން ފަހުން އެކްޓިންގ އަށް ވަންނަން ވެގެން ކާސްޓިންގ ކޯޗެއްގެ ކައިރިއަށް ދިޔުމުން ވެސް ޖިންސީ ފުރައްސާރައާ ކުރިމަތިވި ކަމަށް ފާތިމާ ކިޔައިދިނެވެ. “ފިލްމަކުން ޖާގަ ބޭނުމިއްޔާ އޭނާގެ އެދުން ފުރިހަމަކޮށްދޭން އެންގީ”، ދިމާވި ބިރުވެރި ހާދިސާ ހާމަކުރަމުން ފާތިމާ ބުންޏެވެ.

އަންހެނުންނަށް ގޭގެ ވެށިންނާއި މަސައްކަތުގެ ވެށިން އަދި އެހެނިހެން ތަންތަނުން ދިމާވާ ޖިންސީ ގޯނާއާއި ފުރައްސާރައާ ބެހޭގޮތުން ވާހަކަދައްކަމުން ފާތިމާ ބުނީ، ޒަމާނުންސުރެ ގިނަ އަންހެނުންނަށް އެކަން ހާމަކުރަން ނުކެރިފައި ތިބެނީ މުޖުތަމަޢުން ދެކޭގޮތުން ކަމަށެވެ. ނަމަވެސް މިހާރު ކަންކަން ބަދަލުވަމުން ދާތަން ފެންނަ ކަމަށް ފާތިމާ ފާހަގަކުރިއެވެ.  “ކުރިއަށްވުރެ ބޮޑަށް ޖިންސީ ގޯނާއާ ބެހޭގޮތުން ހޭލުންތެރިވަމުން މީހުން އަންނަނީ”.

އާމިރް ޚާންގެ “ޑަންގަލް” ގައި ފާތިމާ ކުޅުނު ވަރުގަދަ ރޯލަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަސް، އެއަށްފަހު ކުޅުނު “ތަގްސް އޮފް ހިންދުސްތާން” އަށް އެވަރުގެ ކާމިޔާބެއް ނުލިބެއެވެ. ފާތިމާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އަނުރާގް ބާސޫ ޑައިރެކްޓު ކުރާ “ލޫޑޯ” އާއި، އަބީޝެކް ޝަރްމާގެ ކޮމެޑީ ފިލްމު “ސޫރަޖް ޕޭ މަންގަލް ބާރީ” ހިމެނެއެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!