ފްރާންސް އާއި ޖަރުމަންވިލާތް ލޮކްޑައުން ކުރަނީ

ކޮވިޑް-19 ގެ ކޭސްތައް ހަލުވިކަމާއެކު ފެތުރުނަ ނުދިނުމަށްޓަކައި ފްރާންސާއި ޖަރުމަނުންވިލާތް ލޮކްޑައުން އަކަށް ދާން ނިންމައިފިއެވެ.

ޖަރުމަންވިލާތާއި ފްރާންސުން ލޮކްޑައުން އަކަށް ދާން ނިންމާފައިވަނީ ހަލުވިކަމާއެކު ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19 ފެތުރެމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޖަރުމަންވިލާތުން އަންނަ ހޯމަ ދުވަހު ލޮކްޑައުން އަށް ދާ އިރު، ފްރާންސް އިން މިއަދު ލޮކްޑައުން އަށް ދާނެއެވެ.

މިއަދުން ފެށިގެން ފްރާންސްގައި ލޮކްޑައުން ތަންފީޒުކުރާ އިރު، ދެ ހަފްތާގެ މުއްދަތަކަށް ރެސްޓޯރަންޓްތަކާއި ޖިމްތައް ބަންދުވާނެއެވެ. އަދި ޒަރޫރީ ބޭނުންތަކަށާއި، ސިއްހީ ބޭނުންތަކަށް މެނުވީ ގެއިން ނުނިކުމެވޭނެ ކަމަށާއި، ގެއިން ނުކުންނައިރު ލިޔުމެއް ބޭނުންވާނެ ކަމަށް ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވިއެވެ.

ޖަރުމަންވިލާތުން ހޯމަ ދުވަހު ލޮކްޑައުން އަކަށް ދާ އިރު، ފްރާންސް އިން އަޅާފައިވާ ފިޔަވަޅުތަކަށް ވުރެ ލުއިވާނެއެވެ. ނަމަވެސް ޖަރުމަންވިލާތުގެ ޖިމްތަކާއި، ކެފޭ، ރެސްޓޯރަންޓް، އަދި ސިނަމާތައް ލޮކްޑައުންގެ ދަށުން ބަންދުވާނެކަމަށް އެ ގައުމުގެ ޗާންސެލާ އެންޖެލާ މާކެލް ވިދާޅުވިއެވެ.

ފްރާންސް އާއި ޖަރުމަންވިލާތުން މީގެ ކުރިން ދެ ގައުމުގައި ކޮވިޑް-19 ކޮންޓްރޯލް ކޮށްފައިވީ ނަމަވެސް، މިހާރު ހަލުވިކަމާއެކު ދެ ގައުމުގައިވެސް ކޮވިޑް ދަނީ ފެތުރެމުންނެވެ. އެގޮތުން އޮކްޓޯބަރު މަހު ކުރީކޮޅުން ފެށިގެން ޖަރުމަންވިލާތުގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާ އިރު، އޮގަސްޓްގެ ފަހުކޮޅުން ފެށިގެން ފްރާންސްގައި ކޮވިޑް ފެތުރޭ އަދަދު ވަނީ އިތުރުވެފައެވެ.

އިއްޔެ ޖަރުމަންވިލާތުގައި ރެކޯޑް އަދަދަކަށް ކޮވިޑް ކޭސްތައް ވަނީ ފެނިފައެވެ. އެގޮތުން ބުދަ ދުވަހު ޖަރުމަންވިލާތުގައި އެކަނިވެސް 14،964 މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، 85 މީހުން ވަނީ މަރުވެފައެވެ. އަދި އެ ދުވަހު ފްރާންސްގައި 36،437 މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، 244 މީހުން ވަނީ މަރުވެފައެވެ.

މިހާތަނަށް ޖަރުމަންވިލާތުގައި 487،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، 10،259 މީހުން ވަނީ މަރުވެފައެވެ. 

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!