އުމުރުން ދުވަސްވީ މީހުންގެ ދެ މަރުކަޒު އެޅުމަށް ފައިސާ ހަމަޖެހިއްޖެ

އުމުރުން ދުވަސްވީ މީހުން ބޭތިއްބުމަށް ހާއްސަ “ރެޒިޑެންޝަލް ކެއާ ހޯމް” ރާއްޖޭގެ ދެ ސަރަހައްދެއްގައި އެޅުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑިބީ) ގެ އެހީ ލިބިއްޖެ އެވެ.

ސަންގު ޓީވީގެ “ސަރުކާރު” ޕްރޮގްރާމުގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަކްރަމް ހުސެން ރޭ ވިދާޅުވީ ރެޒިޑެންޝަލް ކެއާ ހޯމް ދެ ސަރަހައްދެއްގައި އެޅުމަށް އޭޑީބީގެ ހިލޭ އެހީގެ ދަށުން ފައިސާ ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ރެޒިޑެންޝަލް ކެއާ ހޯމް އެޅުމަށް ނިންމާފައި ވަނީ މާލެ އާއި އައްޑޫ ސިޓީގަ އެވެ. 

އަކްރަމް ވިދާޅުވީ ރެޒިޑެންޝަލް ކެއާ ހޯމް އެޅުމަށް ފައިސާ ހަމަޖެހިފައި ވާއިރު، އެފަދަ މަރުކަޒެއް ރާއްޖޭގެ މުޖުތަމައަށް ވަރަށް މުހިއްމު ކަމަށެވެ.

“2020 ވަނަ އަހަރު މިހާތަނަށް 49 މައްސަލަ އުމުރުން ދުވަސްވީ މީހުންނަށް އިހުމާލުވެގެން ރިޕޯޓުކޮށްފައިވޭ. މި މައްސަލަތަކުގައި ހާލަތަށް ރިއާޔަތް ކުރުމަށް ފަހު އާއިލީ ވެށިން ރައްކާތެރިކަން ފޯރުކޮށްނުދެވޭ ނަމަ މި ބައިތިއްބަން ޖެހެނީ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގައި،” އަކްރަމް ވިދާޅުވި އެވެ. 

އޭނާ ފާހަގަކުރެއްވި ގޮތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ ނަފްސަނީ ބަލިތަކުގެ މީހުން ފަރުވާ ހޯދަމުންދާ ތަނަކަށް ވާތީ، އެ މަރުކަޒަކީ އުމުރުން ދުވަސްވީ މީހުންނަށް އެންމެ އެކަށީގެންވާ މާހައުލު ނޫން ކަމަށެވެ. 

އަކްރަމް އިތުރަށް ވިދާޅުވީ އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ ގާނޫނެއް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމަށާއި އެ ގާނޫނަށް ބޭނުންވާ ދިރާސާތައް ޖެންޑާ މިނިސްޓްރީން މިހާރު ކުރަމުންދާ ކަމަށެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!