ބަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ ބަހުސް ފަށައިފި

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށައެޅުއްވި ބިލުގެ އިބްތިދާއީ ބަހުސް ނިންމާލައިިފިއެވެ.

މި ބިލު މަޖިލީހަށް ހުށައަޅުއްވާފައިވަނީ މިއަދުގެ ޖަލްސާގައެވެ. 72 މާއްދާގެ މައްޗަށް އެކުލަވާލެވޭ މި ބިލު ހުށައަޅުއްވަމުން ޖާބިރު ވިދާޅުވީ ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ އެއްވެސް ހިސާބެއްގައި ރާއްޖޭގައި ވެރިކަން ކުރާ ނިޒާމަކީ “ރިޔާސީ ނިޒާމެއް” ކަމަށް ކަނޑައަޅައި މުތުލަގު ގޮތެއްގައި ބަޔާން ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ 2008 ވަނަ އަހަރު ފާސްކުރެވުނު ރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ތަސްދީގު ކުރެވުނު ފަހުން ބޭއްވުނު ރިޔާސީ އިންތިހާބު ތަކުގެ މައްޗަށާއި، އަދި ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަ ގޮތަށް ބަލައި ވިސްނާއިރު، ރާއްޖޭގައި ވެރިކަން ހިންގަމުން އަންނަނީ “ބަރުލަމާނީ ނިޒާމުގެ” ސިފަތަކުގެ މައްޗަށްކަން އެނގޭ ކަމަށެވެ.

އެގޮތުން ރާއްޖޭގައި ހިންގަމުން އަންނަ ވެރިކަމަކީ “ރިޔާސީ ނިޒާމެއްގެ” ފުރިހަމަ ސިފައިގައި ހިންގަމުން އަންނަ ވެރިކަމަކަށް ނުވާތީ އެކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ ގެއްލުމުން ސަލާމަތްވާނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް “ބަރުލަމާނީ ނިޒާމް” އަކަށް ބަދަލުވެގެން ދިއުމުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މި ނިޒާމުގެ މައްޗަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ކާމިޔާބު ކަމާއި އެކު ވެރިކަން ހިންގައި، އެގައުމުތައް ބޮޑުތަނުން ކުރިއަރައި ރައްޔިތުންނަށް އެކަމުގެ ސަބަބުން އޮތް ހިތްހަމަޖެހުންތައް ފެންނަމުންދާތީއާއި ބަރުލަމާނީ ނިޒާމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ނިޒާމު ކަމަށެވެ.

މި ބިލަށް ބަހުސް ކުރެއްވީ އެންމެ ދެ މެމްބަރުންނެވެ. އެއީ މި ބިލު ހުށައެޅުއްވި މެމްބަރު ޖާބިރުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފެވެ. އޭނާ ވިދާޅުވީ މިފަދަ ބިލެއް ހުށައަޅުއްވާއިރު، ރާއްޖޭގައި ކުރިން ވެރިކަން ކުރެއްވި ފަރާތްތަކުގެ ހިޔާލު ހޯދަން ޖެހޭ ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހުންނަވަނިކޮށް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ތާއީދުނުކުރައްވާނެ ކަމަށެވެ.

އިތުރު އެއްވެސް މެމްބަރެއް މި ބިލަށް ބަހުސް ކުރެއްވުމުގެ ފުރުސަތަކަށް އެދިފައެއް ނުވެއެވެ. އެހެންނަމަވެސް، ނިޒާމީ ނުކުތާއެއް ނަންގަވާ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ވާހަކަދައްކަވާފައެވެ. ނިޒާމީ ނުކުތާއަށް ވާހަކަދައްކަވަމުން އޭނާ ވަނީ މި ބިލަށް ތާއީދުނުކުރައްވާކަން ހާމަކުރައްވާފައެވެ.

ޚަބަރު ނަގާފައިވަނީ

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!