ރޮނާލްޑޯ ކޮވިޑްގެ އުސޫލާ ޚިލާފުވި މައްސަލަ ބަލަނީ

ކޮވިޑް-19 އާ ގުޅިގެން އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކާ ޔުވެންޓަސްއަށް ކުޅެމުން އަންނަ ޕޯޗުގަލުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ޚިލާފުވުމުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް އިޓަލީގެ ކުޅިވަރާ ބެހޭ ވަޒީރު ވިންޗެންޒޯ ސްޕަޑަފޯރާ ވިދާޅުވެއްޖެއެވެ.

ޔުއެފާ ނޭޝަންސް ލީގުގެ ދެ މެޗެއްގައި ކުޅުމަށް ޕޯޗުގަލުގެ ގައުމީ ޓީމާއެކު އުޅެނިކޮށް މި މަހުގެ 13 ވަނަ ދުވަހު ރޮނާލްޑޯ ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. ރޮނާލްޑޯ ކޮވިޑް-19 އަށް ޕޮޒިޓިވްވީ ފްރާންސްގައި އެ ގައުމާ ދެކޮޅަށް ކުޅުނު މެޗުގައި ކުޅުމަށްފަހު އެނބުރި ޕޯޗުގަލަށް ދިޔަ ފަހުންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމުން އެންމެ ފުރަތަމަ ޕޯޗުގަލުގައި ރޮނާލްޑޯ އައިސޮލޭޓްވިއިރު، އޭނާ ވަނީ ހާއްސަ އިހުތިޔާރެއްގެ ދަށުން އަމިއްލަ ޖެޓުގައި އޭގެ ދެ ދުވަސް ފަހުން އެނބުރި އިޓަލީއަށް ގޮސް އައިސޮލޭޓްވެފައެވެ.

އެކަމާ ގުޅިގެން މީގެ ކުރިން ސްޕަޑަފޯރާ ވިދާޅުވީ ރޮނާލްޑޯ އުސޫލާ ޚިލާފުވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށާއި، ވަކި ރޮނާލްޑޯ ވީމަ ހާއްސަ ހުއްދައެއް ނުދޭ ކަމަށެވެ. އެކަމަކު ވަޒީރުގެ ވާހަކަތަކަށް ރައްދު ދެމުން ރޮނާލްޑޯ ބުނީ އެއްވެސް އުސޫލަކާ ޚިލާފު ނުވާ ކަމަށާއި، އޭނާ ދަތުރުކުރީ ހުރިހާ ހުއްދައެއް ހޯދައިގެން ކަމަށެވެ. އަދި އޭނާ އުސޫލާ ޚިލާފުވެފައިވާ ކަމަށް ބުނެ ދައްކަނީ ހަގީގަތާ ޚިލާފު ދޮގު ވާހަކައެއް ކަމަށްވެސް ވަނީ ބުނެފައެވެ.

ދާދި ފަހުން އިޓަލީގެ މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ސްޕަޑަފޯރާ ވިދާޅުވީ އިޓަލީގެ ސަރުކާރުން ހަދާފައިވާ ސިއްހީ އުސޫލުތަކަށް ރޮނާލްޑޯ އިހުތިރާމު ކޮށްފައިނުވާ ކަމަށާއި، އެހެންކަމުން ޕްރޮސެކިއުޓަރުން މިހާރު އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!