އެމްޑީޕީގެ މެމްބަރުން ހުސް ބުޅީގައި ނުގަންނާނެ: އާޒިމް

ސަރުކާރު ހިންގާ ކޯލިޝަންގެ ތެރޭގައި ހިޔާލުތަފާތު ވުންތަކެއް އުޅޭކަމަށް ދެކިގެން، އިދިކޮޅުގެ ހުސްބުޅީގައި އެމްޑީޕީ ނުޖެހޭނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓަރީ ގްރުޕޫގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ފަރާތްތަކުން ވަނީ މަޖިލީހަށް އިއްޔެ ހުށައަޅާފައެވެ. 11 މެންބަރުން ސޮއިކުރައްވާ ހުށައެޅި މިމައްސަލާގައި އިދިކޮޅު ޕީޕީއެމް ޕީއެންސީގެ 9 މެންބަރުންނާއި، މިނިވަން ދެމެންބަރުންކަމަށްވާ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމްއާއި، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ވެސް ވަނީ ސޮއިކުރައްވާފައެވެ. ވަޒީރެއްގެ އިތުބާރުނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި 10 މެމްބަރުންގެ ސޮއި ބޭނުންވެއެވެ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ މިނިސްޓަރ އިމްރާންގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވާކަން އިޢުލާންކުރައްވާފައެވެ.

މަޖިލީހުގެ ރައީސްގެ އެވާހަކަފުޅާއި ގުޅިގެން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވަނީ އެއީ އެމްޑީޕީން ތާޢީދު ނުކުރާނެ މައްސަލައެއްކަމަށް ވިދާޅުވެފައެވެ. އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ވަކި އެޖެންޑާއެއްގެ ދަށުން މަސައްކަތްކުރާ ޕާޓީއެއްކަމަށާއި، އެޕާޓީން ސަރުކާރު ދިފާއުކުރައްވާނެކަށެވެ. އަލީ އާޒިމް ވިދާޅުވީ ސަރުކާރުގެ އިތުބާރު ނެތްކަން ދެއްކުމަށް ކުރާ މަސައްކަތް ކާމިޔާބުވިޔަ ނުދެއްވާނެކަމަށެވެ.

“ހިޔާލުތަފާތުވުންތަކެއް އޮންނަ ފަހަރު ހުސް ބުޅީގައި ނުގަންނާނެ. ހުސް ބުޅި އުސޫލުން މަޖިލީހަށް ހުށަހަޅައިގެން ކަންކަން ކުރިއަށް ނުގެން ދެވޭނެ،” އިމްރާން މައްސަލާގައި އެމްޑީޕީން ތާއީދު ނުކުރާނެ ކަމަށް ނުސީދާ ގޮތަށް ހާމަކުރައްވަމުން އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ އެމްޑީޕީ އަކީ މި ކޯލިޝަން ސަރުކާރުގެ ބައިވެރިއެއް ކަމަށާއި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބަލައިގަނެ، އެމްޑީޕީގެ އިތުބާރު އެބަ އޮތް ކަމަށެވެ.

އާޒިމްގެ ވާހަކަތަކާ ގުޅިގެން ނަޝީދު ވިދާޅުވީ ގާނޫނު އަސާސީގައި ބަޔާންކުރާ ގޮތަށް އެ މައްސަލަ އެޖެންޑާ ކުރަން ދޭންޖެހޭ 14 ދުވަހުގެ ނޯޓިސް އިމްރާނަށް މިއަދު ފޮނުއްވާނެ ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!