ކަރީނާ ކުރީގެ ލޯބިވެރިޔާގެ ފޮޓޯއެއް މި ހިއްސާކުރީ ކީއްވެގެންކަން އެނގޭތަ؟

2000ގެ ކުރީކޮޅު ބޮލީވުޑްގައި އެންމެ ވިދާލި ޖޯޑު ކަމަށްވާ ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރުގެ ގުޅުން ނިމުނުތާ 13 އަހަރު ފަހުން، އެދެމީހުންގެ ފޮޓޯއެއް ކަރީނާގެ އިންސްޓަގްރާމްގައި ހިއްސާކޮށްފިއެވެ.

ރުޅިވުމަށްފަހު އެކުގައި ފިލްމެއް ނުކުޅެ އެތައް އަހަރުތަކެއް ވަންދެން ތިބުމަށްފަހު، ދެމީހުން އެއް ފިލްމަކުން ފެނުނީ 2016 އަހަރު ނުކުތް “އުޅްތާ ޕަންޖާބް” އިންނެވެ. އޭގައި ވެސް ދެމީހުން އެކީގައި ސްކްރީން ހިއްސާކޮށްފައެއް ނުވެއެވެ.

މިއަދު ކަރީނާ އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއަކީ، ޝާހިދާއެކު ލީޑު ރޯލު ކުޅުނު ފަހު ފިލްމު ކަމަށްވާ “ޖަބް ވީ މެޓް” ގެ ޝޫޓިންގ ގެ ތެރެއިން ނަގާފައިވާ ފޮޓޯއެކެވެ. އެއީ އެ ފިލްމަށް 13 އަހަރުވުން ފާހަގަކުރުމުގެ ގޮތުން އޭނާ ހިއްސާކުރި ފޮޓޯއެކެވެ. ސަބަބަކީ އެ ފިލްމަކީ، ކަރީނާގެ ފިލްމީ ކެރިއަރުގައި މިހާތަނަށް ކުޅުނު އެންމެ ކާމިޔާބު އެއް ފިލްމަށް ވުމެވެ. އަދި މިއަދާ ހަމައަށް ވެސް “ޖަބް ވީ މެޓް” އަކީ ގިނަ ބައެއްގެ ފެވަރިޓް، “އައިކޮނިކް” ފިލްމެކެވެ.

ފޮޓޯއާއެކު ކަރީނާ ވަނީ ކެޕްޝަންގައި، “ޖަބް ވީ މެޓް” ގައި އޭނާ ކުޅުނު ގީތު ކެރެކްޓާގެ ޑައިލޮގެއް ވެސް ލިޔެފައެވެ.

ކަރީނާ އާއި ޝާހިދު ކަޕޫރު ރުޅިވީ “ޖަބް ވީ މެޓް” ގައި މަސައްކަތްކުރި ދުވަސްވަރެވެ. އަދި ހަމަ އެދުވަސްވަރު ކަރީނާ ކުޅުނު “ޓަޝަން” ފިލްމުން ސައިފް އަލީ ޚާނާ ދިމާވެ، ދެމީހުން ވަނީ ފަހުން ކައިވެނި ކޮށްފައެވެ. މިހާރު އެ ކައިވެންޏަށް ކުއްޖަކު ލިބި، ދެވަނަ ކުއްޖާއަށް ކަރީނާ އިނީ ބަލިވެއެވެ. އަދި ޝާހިދުވެސް 2015 ގައި އެރޭންޖްޑް މެރިޖް އެއްގެ ދަށުން މީރާ ރާޖްޕުތާ ކައިވެނިކޮށް، މިހާރު ވަނީ ދެކުދިން ލިބިފައެވެ.

ކުރީގެ ގުޅުމާ ބެހޭގޮތުން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ކަރީނާ، 40، ބުނީ ޝާހިދާއި ދެމީހުން ވަކިވާން ނިންމީ ގިނަ ސަބަބުތަކާހެދި ކަމަށެވެ. އަދި “ޖަބް ވީ މެޓް” އަކީ އޭނާގެ ކެރިއަރަށް އިންގިލާބެއް ގެނުވި ފިލްމެއް ކަމަށާއި، ނަމަވެސް “ޓަޝަން” އަކީ އޭނާގެ ހަޔާތް ބަދަލުކޮށްލި ފިލްމެއް ކަމަށް ބުނެފައިވެއެވެ. ސަބަބަކީ އެ ފިލްމުން ސައފް އާ ދިމާވުމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!