ގައުމީޓީމަށް ކުޅުން ހުއްޓާލިކަމަށް ބުނެ ފަތުރަމުންދާ ވާހަކަ ޕޮގްބާ ދޮގުކޮށްފި

ފްރާންސްގެ ރައީސް އެމެނުއަލް މެކްރޮން އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ދެއްކުމާ ގުޅިގެން ފްރާންސް ގައުމީ ޓީމުން ޕައުލް ޕޮގްބާ ރިޓަޔާކޮށްފިކަމަށް ބުނެ މީޑިއާގައި ދެކެވުނު ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

ފްރާންސްގެ ޕެރިހުގައި ހައި ސްކޫލް ޓީޗަރެއް ކަމަށްވާ ސެމިއުލް ޕޭޓީ މަރާލައި ބޯބުރިކޮށްލުމާ ގުޅިގެން އެ ގައުމުގެ ރައީސް މެކްރޮން އެކަމުގެ ތުހުމަތު އެޅުވީ އެ ގައުމުގެ މުސްލިމުންގެ ބޮލުގަ އެވެ. ޕޭޓީއާ މެދު ފްރާންސްގެ ގިނަ މުސްލިމުންތަކެއް ހިތްހަމަނުޖެހުނީ އޭނާ ކިޔަވައިދޭ ޕެރިހުގެ ހައި ސްކޫލްގެ ދަރިވަރުންގެ ކައިރީގައި ރަސޫލާ އަށް ނިސްބަތްކޮށް ކާޓުނު ކުރަހައި އިސްލާމްދީނާ ހިލާފުގިނަ ވާހަކަތަކެއް ދައްކާތީ އެވެ. ޕޭޓީގެ އެ އަމަލުތައް ދިފާއުކޮށް މެކްރޮން ވިދާޅުވީ ޕޭޓީ އަށް ދިން ހަމަލާ އަކީ މުސްލިމުންގެ ޓެރަރިސްޓު އަމަލެއް ކަމަށާއި އެކަން ހުއްޓުވޭނީ ދެން ތިބި އެންމެން އެއްބައިވެގެން ކަމަށެވެ.

މި ކަމާ ގުޅިގެން ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނީ ފްރާންސް ގައުމީ ޓީމަށް ނިސްބަތްވާ ބައެއް ކުޅުންތެރިން ރައީސް މެކްރޮންގެ ވާހަކަތަކާ ހިތްހަމަނުޖެހިފައިވާ ކަމަށެވެ. އެކަމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލުމާ ބެހޭގޮތުން އެއްވެސް ވާހަކައެއް އާންމެއްނުވެ އެވެ. އެހެން ނަމަވެސް މެދުއިރުމަތީގެ ބައެއް މީޑިއާ ތަކުންނާއި އިނގިރޭސި ދި ސަން ނޫހުން ރިޕޯޓްކުރީ މެކްރޮންގެ ސަރުކާރާގެ މި ކަންތައްތަކާ މެދު ހިތްހަމަނުޖެހި ޕޮގްބާ ދެން ގައުމީ ޓީމަށް ނުކުޅެން ނިންމާފައިވާ ކަމަށެވެ.

އެކަމަކު އެ ވާހަކަތައް މާ ބޮޑަށް ގިނަވެ ފްރާންސްގެ މަޝްހޫރު ނޫސް މަޖައްލާތަކުން ޕޮގްބާގެ ބަހެއް ހޯދަން މަސައްކަތްކުރަން ފެށުމާ ގުޅިގެން ޕޮގްބާ ވަނީ އެ ހަބަރު ދޮގުކޮށްފަ އެވެ. އެ ގޮތުން ދި ސަން ނޫހުގައި ޖަހާފައިވާ ހަބަރުގެ ސްކްރީންޝޮޓެއް ޕޮގްބާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކުރުމަށް ފަހު ޕޮގްބާ ޖަހާފައިވަނީ އެއީ “ފޭކް ނިއުސް” އެއް ކަމަށެވެ. ފަހުން ޕޮގްބާ ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓުގައި ވެސް އެ މިހެން ލިޔެފަ އެވެ.

އުމުރުން 27 އަހަރުގެ ޕޮގްބާ މިކަމާ ގުޅިގެން އިންސްޓަރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި މި ދޮގު ހަބަރު ފެތުރުމުގެ ތުހުމަތުތައް ކުރީ ދި ސަން ނޫހަށެވެ. މީގެ ކުރިން ވެސް ދި ސަން އިން ވަނީ ޕޮގްބާއާ ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!