ޑރ. ޒިޔާދުގެ ޝަރީއަތް މާދަމާ ފަށަނީ

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިމެނޭ ކަމަށް ތުހުމަތުކޮށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ މައްސަލައިގެ ޝަރީއަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.

ޒިޔާދު އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ހުށަހެޅި ޕްރޮޕޯސަލާ ހިލާފަށް އެއްބަސްވުން ގާއިމުކޮށް، ދައުލަތަށް ގެއްލުންވާ ގޮތަށް އެ ކުންފުންޏަށް އެކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ ދައްކާފައިވާ ކަމަށް ބުނެ ގާނޫނުލް އުގޫބާތުގެ ދަށުން ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާކޮށް ވަނީ އުފުލާފައެވެ.

މި މައްސަލައިގެ ޝަރީއަތް ފެށުމަށް ތާވަލްކޮށްފައިވަނީ މާދަމާ މެންދުރު ފަހު ތިނެއް ޖަހާއިރުއެވެ.

އެ ކުށް ސާބިތުވެއްޖެނަމަ، ޑރ. ޒިޔާދަށް އެއް އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޒިޔާދުގެ އިތުރުން، ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން ޕްރޮޕޯސަލްތައް ހޯދިއިރު އެ މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއެއްގެ ހައިސިއްޔަތުން އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށްވެސް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ ވަނީ ކޮށްފަ އެވެ.

ޒިޔާދުގެ ޝަރީއަތް ފެށުމަށް ނިންމާފައިވާއިރު ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކުރީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އިސްލާމިކް މިނިސްޓްރީން އެ އެއްބަސްވުން އުވާލީ ރަނގަޅު މައުލޫމާތުތަކެއްގެ މައްޗަށް ބިނާ ކޮށްގެން ނޫން ކަމަށް ހާމަވެ، އެ މައްސަލަ އެހެން ގޮތަކަށް ވަނީ އެނބުރިފައެވެ.

ޒިކުރާ މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރަން އެސްޖޭ އާ ހަވާލު ކުރަން ނިންމި ނިންމުން އިސްލާމިކް މިނިސްޓްރީން ވަނީ އުވާލާފަ އެވެ. ނަމަވެސް އެކަން އެ މިނިސްޓްރީން ކޮށްފައި ވަނީ އިސްލާމިކް މިނިސްޓްރީއަށް އެޓާނީ ޖެނެރަލް ދެއްވި ގާނޫނީ ލަފަޔާ ހިލާފަށް ކަމަށް ވަނީ ހާމަވެފަ އެވެ. އެ ލަފާގެ ކޮޕީއެއް އާންމުވެފައިވާއިރު އެއީ އޭޖީގެ ލަފާ ކަމަށް ވަނީ ޔަގީން ކުރެވިފަ އެވެ.

މި ސަރުކާރު އައި ފަހުން ޑިސެންބަރު 23، 2018 ގައި އިސްލާމިކް މިނިސްޓްރީން ވަނީ ޒިކުރާ މިސްކިތުގެ މައްސަލާގައި ގާނޫނީ ލަފަޔަކަށް އެދި އޭޖީއަށް ހުށައަޅާފަ އެވެ. އޭޖީން އެ ލަފާ ދީފައި ވަނީ ފެބްރުއަރީ 19، 20019 ގައެވެ.

އެ ލަފާގައި ބުނެފައިވަނީ ޒިކުރާ މިސްކިތުގެ މަސައްކަތް އެސްޖޭއާ ހަވާލު ކުރުމުގައި ގޯހެއް ނެތް ކަމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!