ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ރަޝްފާ އެނދުގައި އޮށޯތެވެ. އިތުރު އަޑެއް އިވޭތޯ ސަމާލުކަން ދީގެން އިރުކޮޅަކު އޮތުމަށްފަހު، ޚަބަރެއް ނުވުމުން ނަޒީފަށް ގޮވަންފެށިއެވެ. ނަޒީފަށް ހޭލެވުނީ އިރުގަނޑަކު ގޮވުމުންނެވެ.

“ކޮންމެވެސް މީހަކު ދެންމެ ގިފިލިން ފެން ނަގާއަޑު އިވިއްޖެ!” ވައިއަޑުން ރަޝްފާ ބުންޏެވެ.

“ފެން ނެގިއްޔޭ؟”

“އާނއެކޭ! ތިން ދާނި ފެން ނެގި.”

“ހޫނ! ތި ވާނީ އަތިރިއަށް އެރިގެން އައި މީހަކަށް. ގަޑިން ކިހައި އިރެއްތަ؟” ނަޒީފު އާފުރެލުމަށްފަހު މޯޅިއަކަށް ދެމިލިއެވެ. އަޑުގައި ހުރީ ނިދީގެ ކަންނެތްކަމެވެ.

“ބާރަގަޑި ބައިވަނީ.” ރަޝްފާ ގަޑިއަށް ބަލައިލިއެވެ.

“އަދިވެސް ނުނިދާތަ ތި އުޅެނީ؟”

“ގިފިއްޔަކަށް ދާންޖެހިގެން ގޮސްފައި މިއައީ….”

“ދެން އަވަހަށް ނިދާ! ފަތިހު ތެދުވާން ޖެހޭނެ!” ރަޝްފާއާ އަދިވެސް ބޮޑަށް ގާތްވެލުމަށްފަހު، ނަޒީފު ހަމަޖެހިލިއެވެ. ރަޝްފާ ދެ ލޯ މަރައިލިއެވެ. ގިނަ އިރުތަކެއްނުވެ އޭނާއަށް ނިދިއްޖެއެވެ.

ވަރަށް ފަތިހާ ރަޝްފާއަށް ހޭލެވިއްޖެއެވެ. އެއިރު އޭނާގެ ބޮލުގައި ރިހޭވަރުން ހީވަނީ ބޯފަޅައިގެން ހިނގައިދާނޭހެންނެވެ. ތެދުވެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެހެންނަމަވެސް ހިތްވަރެއް ނުލިބުނެވެ. ނަޒީފަށް ގޮވާން ވެސް އުޅުނެވެ.

ފަސްގަޑި ބައިވުމާއެކު، ހަމަކުއްލިއަކަށް ރަޝްފާގެ ބޮލުގެ ރިހުން ކެނޑިއްޖެއެވެ. ހީވީ ބޯމަތީގައި ބާއްވާފައި އޮތް ބޮޑު ބަރެއް ނެގިހެންނެވެ. މުޅި ހަށިގަނޑަށާއި ބޮލަށް ލުއިވިލެއް ބޮޑުކަމުން، ކުރިން ބޮލުގައި ރިހުނުހެން ވެސް ހީނުވެއެވެ. ރަޝްފާ އަވަސް އަވަހަށް ތެދުވެ، ނަޒީފަށް ގޮވައިފިއެވެ.

ފަތިސް ނަމާދުކޮށްގެން ފަތިހުގެ ފިނީގައި، ރަށުތެރޭގައި ކުޑަކޮށް ހިނގާލައިފައި، ނަޒީފު ގެއަށް އައީ، ހަތެއްޖެހުމާ ދާދި ކައިރިވެފައި ހުއްޓައެވެ. އެއިރު ރަޝްފާ ހުރީ ސައި ތައްޔާރު ކޮށްފައެވެ. ނަޒީފު ގޮސް ގިފިއްޔަށް ވަދެ ފެންވަރައި ތައްޔާރުގެން ނިކުމެ، ދެމަފިރިން އެކުގައި ސައިބޯން ހިނގައްޖެއެވެ.

“ރޭ ކިހިނެއްވިއްޔޭ؟” ސައިބޯން އިނދެފައި، ކުއްލިއަކަށް ކަމެއް ހަނދާންވެގެން އަހައިލާކަހަލަ ގޮތަކަށް ނަޒީފު އަހައިލިއެވެ.

“އަހަރެން ގިފިއްޔަށް ގޮސްފައި އައިސް، ގެއަށް ވަންތަނާ ކޮންމެވެސް މީހަކު ގިފިލިން ފެންނަގާ އަޑު އިވުނީ.”

“ކިހާއިރަކު؟”

“އޭރު ބާރަޖަހައި ބޮޑުވެއްޖެ!”

“ވަރަށް ބިރުގަތްތަ؟” ނަޒީފު އިނީ ހިނިއައިސްފައެވެ.

“ކޮންކަމަކާ؟ އެއީ ބިރުގަންނަވަރުގެ ކަމެއްތަ؟”

“ތިޔައެއް ނޭނގެ! ދަންވަރު ކަކުންޏެއް ދުވެލާއަޑު އިވުނަސް ބައެއް މީހުން ބިރުން ހުންވެސް އައިސްފައި އެބަހުރިވިއްޔަ.” ނަޒީފު ސަމާސާކޮށްލިއެވެ.

ދުވަހަކީ ބަންދު ދުވަހެއްކަމުން ގޭތެރޭގެ އެކި މަސައްކަތުގައި ނަޒީފު އުޅެމުން ދިޔައިރު، ރަޝްފާ އުޅުނީ ބަދިގޭގައެވެ. މެންދުރަށް ކެއްކުމުގައެވެ. މެންދުރުން އަނބުރާ އެކެއްޖެހިތަނާ ރަޝްފާ ކާންތައްޔާރުކޮށްފައި ނަޒީފަށް ގޮވައިފިއެވެ. ނަޒީފު އައިސް އިށީނދެއްޖެއެވެ. ޖެހިގެންހުރި ގޮނޑީގައި ރަޝްފާ ވެސް އިށީނދެއްޖެއެވެ. އެވަގުތު އައިސް ބަދިގެ ދޮރުމައްޗަށް ހުއްޓުނީ ޝަކީބެވެ.

“އަހަނ! ޝަކީބު! އަވަހަށް އާދޭ! ތި އާދެވުނީ ހަމަ މަޅައިގަތް ކަނޑީގެ މިޔަމައްޗަށް.” ގޮނޑިއެއް ކައިރިކޮށްލަމުން ނަޒީފު ބުންޏެވެ.

“ކޮބާ ކިހިނެއް ކަންތައްތައް؟” ޝަކީބު ވެސް މޭޒުދޮށުގައި ޖައްސައިލިއެވެ.

“ބަރާބަރު! ދޯރަޝްފާ!” ރަޝްފާގެ މޫނަށް ނަޒީފު ބަލައިލިއެވެ.

“ގެއަށް އާދެވުނީމަ އަހަރެމެން މަތިން ހަނދާން ވެސް ނެތުނީދޯ؟” ތަށްޓަށް ބަތް އަޅަމުން ޝަކީބު އަހައިލިއެވެ.

“އަދި މިއުޅެނީ ގޭތެރޭގެ ކަންތައްތައް ހަމައަކަށް އަޅުވައިނުލެވިގެން. އިރާދަކުރެއްވިއްޔާ މިއަދު ހަވީރު ދާނަން. މަންމަގެ ހާލު ކިހިނެއް؟”

“ރަނގަޅު! މާބަނޑު މީހުންނާއި، މާބަނޑު ހުސްކޮށްފައި ތިބި މީހުންގެ ގާތަށް ދުވެދުވެ، އެ ފަކީރު ހުންނަނީ ހަންވެފައި.”

ޝަކީބު މިހެން ބުނިގޮތުން ނަޒީފާއި ރަޝްފާގެ ގާތަށް ވަރަށް ހިނިއައެވެ.

“މަންމަ ގާތު ބުނާތި އަހަރެމެން މިއަދު ދާނަމޭ! ދޯ ރަޝްފާ!”

“އެހެންވީމާ ވަރަށް ރަނގަޅަށް ސައި ތައްޔާރުކުރައްޗޭ! ދޯ!” ޝަކީބު ފުރިހަމަ ކޮށްލިއެވެ.

“ނޫނޭ! އެހެން ބުނާނެކަމެއްނެތް! ނުބުންޏަސް ތިކަން ކުރާނެ!”

ނަޒީފާއި ޝަކީބު ކައިނިމިގެން ގެއަށް ދިއުމުން، ރަޝްފާ އުޅުނީ ބަދިގޭގައި ތަށިތައް ނެގުމުގެ މަސައްކަތުގައެވެ.

އެހެން ރޭރެއެކޭ އެއްގޮތަށް މި ރޭ ވެސް ނުވަގަޑިބައި އެހައިކަންހައިއިރު ނަޒީފާއި ރަޝްފާ ނިދާން އޮށޯވެއްޖެއެވެ. މިރެއަކު ވެސް ރަޝްފާގެ ލޮލަކަށް ނިދި އަންނަގޮތެއް ނުވިއެވެ. ނަޒީފަށް ވީ ވަރަކީ އެނދުމަތީގައި ޖެހުމާއެކު، ގުގުރި ދަމާން ފަށައިފިއެވެ. އެގާރަ ޖެހުމާއެކު ރަށުން ކަރަންޓު ކަނޑާލައިފިއެވެ. ދެ ލޯ މަރައި ތަގުޅިކޮށްގެން އޮވެއޮވެ ވެސް، ރަޝްފާއަކަށް ނުނިދުނެވެ. ބާރަޖެހިތަނާ އިވެންފެށީ، ކުއްލިއަކަށް ފުރާޅުމަތީގައި އެއްޗެއް ދެމޭއަޑެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!