ސަހަރޯ: މުހައްމަދު ޤާސިމް

(ބުދަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


އެހެން ރޭރެއެކޭ އެއްގޮތަށް މި ރޭ ވެސް ނުވަގަޑިބައި އެހައިކަންހައިއިރު ނަޒީފާއި ރަޝްފާ ނިދާން އޮށޯވެއްޖެއެވެ. މިރެއަކު ވެސް ރަޝްފާގެ ލޮލަކަށް ނިދި އަންނަގޮތެއް ނުވިއެވެ. ނަޒީފަށް ވީ ވަރަކީ އެނދުމަތީގައި ޖެހުމާއެކު، ގުގުރި ދަމާން ފަށައިފިއެވެ.

އެގާރަ ޖެހުމާއެކު ރަށުން ކަރަންޓު ކަނޑާލައިފިއެވެ. ދެ ލޯ މަރައި ތަގުޅިކޮށްގެން އޮވެއޮވެ ވެސް، ރަޝްފާއަކަށް ނުނިދުނެވެ. ބާރަޖެހިތަނާ އިވެންފެށީ، ކުއްލިއަކަށް ފުރާޅުމަތީގައި އެއްޗެއް ދެމޭއަޑެވެ. ރަޝްފާ ސިހުނެވެ. ދެ ލޯ ބޮޑުކޮށްލެވުނެވެ. ރަޝްފާގެ ނަޒަރު ހުއްޓިފައި ވަނީ ފުރާޅާ ދިމާއަށެވެ. އެ އަޑު ދަތުރު ކުރަމުން ދިޔައީ، އެ މީހުން ތިބި އެނދު ހުރަސްކޮށް، އަނެއް ފަރާތަށެވެ. މި ރޭ ރަޝްފާ ކުޑަކޮށް ބިރު ވެސް ގަތެވެ. އިތުރު އަޑެއް އިވޭތޯ ކަންފަތް ކޮޅަށް ޖަހައިގެން އެތައް އިރަކު އޭނާ އޮތެވެ. އެއްވެސް އަޑެއްބަޑެއް ނީވުނެވެ. ނަޒީފަށް ގޮވާން އުޅެފައި ވެސް ނުގޮވިއެވެ. އެހެން އޮއްވާ އެކެއް ޖެހިފަހުން، ވީނުވީއެއް ނޭނގި އޭނާއަށް ނިދިއްޖެއެވެ.

ރަޝްފާއަށް ހޭލެވުނީ ސިހިފައެވެ. ކަންފަތްދޮށުގައި ކޮންމެވެސް މީހަކު ސިއްރުން އެއްޗެއް ބުނި އަޑަށެވެ. ހޭލެވުމާއެކު، އޭނާއަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. މުޅި ގޭތެރެ އެކީ އެކައްޗަކަށް އަލިވެފައި އޮތްތަން ފެނިފައެވެ. ހީވަނީ ގޭތެރޭގައި އެތައް ބައިވަރު މާކަރީލައިޓުތަކެއް ދިއްލައިއަޅާފައި ހުރިހެންނެވެ. އޭނާއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ.

ރަޝްފާ އުޅުނީ އަވަސް އަވަހަށް ނަޒީފަށް ގޮވާށެވެ. އެކަމަކު…. ނަޒީފެއް އެނދަކު ނެތެވެ. ހަދާނޭގޮތް ހުސްވެގެން، އޭނާއަށް ފުންމައިގެން ތެދުވެވެވުނެވެ. ހަމައެއާއެކު، ގޭތެރެއަށް ވެރިވެފައިވާ ގަދަފަދަ އަލި، ކަނު އަނދިރިކަމަށް ބަދަލުވެއްޖެއެވެ. 

ރަޝްފާގެ މޭ ނެގިނެގިފައި ޖެހެމުންދެއެވެ. މޭގައި ވަނީ އާދަޔާޚިލާފު ހޫނުކަމެއް ހިފައިފައެވެ. ނަތީޖާއެއްގެ ގޮތުން އޭނާގެ މުޅިހަށިގަނޑު ދަލުން ފޯވާން ފަށައިފިއެވެ.

“ނަޒީފު!……. ނަޒީފު!…..” ރަޝްފާގެ އަޑު ތުރުތުރު އަޅައެވެ. ނަޒީފަށް ދެ ފަހަރަކު ގޮވައިލުމުން ވެސް، ނަޒީފުގެ އެއްވެސް ޚަބަރެއްނުވިއެވެ.

ކުއްލިއަކަށް ފެނުނީ، އަނދިރިކަމުގެ ތެރެއިން އަލިފާން ކުލައިގެ ރޮއްޖެއް ފާޅުވިތަނެވެ. އެ ރޮދި ފެންނަނީ ނަންނުގައްޗެއްހެން ގުދުގުދުލާފައި ވަނިކޮށެވެ. އެއްވެސް ތަނެއްގައި ނުޖެހި، ވައިގެ ތެރެއިން މަޑުމަޑުން އަންނަނީ ރަޝްފާއާ ދިމާއަށެވެ. ރަޝްފާއަކަށް ނީނދެވުނެވެ. ބިރުގަތްލެއް ބޮޑުކަމުން އަޑުގައި ނެތްތަނަށް ހަޅޭއްލަވައިގަނެވުނެވެ. އެނދުމަތީގައި ތެޅި ފޮޅި ގަނެވުނެވެ.

“މަންމާ…..! މަންމާ…! ނަޒީފު……!”

ރަޝްފާއާ ވަރަށް ގާތަށް، އެ އަލިފާން ރޮދި އަތުވެއްޖެއެވެ. މިހާރު އެ އެތި ހީވަނީ ބޮޑު އަލިފާން ހަރުފައެއް ހެންނެވެ. ރަޝްފާގެ ބިރުވެރިކަން ވަކީން ބޮޑުވެއްޖެއެވެ. އޭނާ ހަޅޭއްލަވަމުން، ތެޅިފޮޅެމުންދާއިރު ހީވަނީ، އެނދު ވެސް ވެއްޓިދާނޭ ހެންނެވެ.

“އޭތް! ރަޝްފާ! ރަޝްފާ! ކިހިނެއް ތިވަނީ؟” ނަޒީފު ރަޝްފާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. ރަޝްފާއަށް ސިހިފައި ހޭލެވިއްޖެއެވެ. އޭރު އޭނާގެ ދެ ލޯ ހުރީ ބޮޑުވެފައެވެ. ދާހިއްލާ ފޯވެފައެވެ. ހަޅޭއްލެވެނީއެވެ. ރޮވެނީއެވެ. ވަރަށް ބާރަށެވެ. ބިރުން ހަލާކުވާވަރުވެފައި އޮތް ރަޝްފާއަށް ކުރެވުނުހައިވެސް ކަމަކީ، އޭނާގެ މޫނަށް ބަލާން އޮތް އޭނާގެ ފިރިމިހާގެ ގައިގައި އޮޅުލައިގަތުމެވެ.

“ކިހިނެއްވީ؟” ރަޝްފާ ގަޔާލައި ބޮނޑިކޮށްލިއިރު، ނަޒީފުގެ މޫނުމަތީގައި ހުރީ ހާސްކަމުގެ އަސަރެވެ.

“ކޮބާ…؟ ކޮބާ އޭތި؟”

“ކޯޗެއް؟”

“ކޮންތާކުން ނަޒީފު ތި އައީ؟” ރަޝްފާގެ މުޅި ހަށިގަނޑު ތުރުތުރުއަޅައެވެ.

“ކާކު؟ އަހަރެން އެއްވެސް ތަނަކަށް ނުދަން!” ނަޒީފަށް އަވަސް އަވަހަށް ބުނެވުނެވެ.

“ދެން…. ކީއްވެ…….؟” ރަޝްފާއަށް ވާހަކަދެއްކޭވަރު ވެސް ނުވެއެވެ.

“ނިކަން ހަމަޖެހިބަލަ! ހުވަފެނެއް ފެނިގެންނޭ ތި އުޅެނީ!” ރަޝްފާގެ މޫނުގައި ދެ އަތުން ހިފަހައްޓައި، އޭނާ ހަމަޖެއްސޭތޯ ނަޒީފު މަސައްކަތްކުރިއެވެ.

އިރުކޮޅަކުން ރަޝްފާ ކުޑަކޮށް މައިތިރިވާގޮތް ވެއްޖެއެވެ. އޭނާ ނަޒީފުގެ ކޮނޑުގައި ބޯއަޅައިލިއެވެ. އޭރު އޭނާ އޮތީ ވަރުބަލިވެ ދާހިއްލައި ފޯވެފައެވެ.

އާދީއްތަ ދުވަހެވެ. ހަފުތާގެ ޗުއްޓީ ދެ ދުވަހަށްފަހު، އޮފީސްތައް ހުޅުވޭ ދުވަހެވެ. އެހެންކަމުން ވަރަށް ފަތިހު ރަޝްފާ ތެދުވިއެވެ. ގޯތި ކުނިކެހުމަށްފަހު، ނަޒީފު އޮފީހަށް ދާންވާއިރަށް ސައިތައްޔާރު ކުރިއެވެ. ސައިބޮއިގެން ހަތްގަޑި ފަނަރައިގައި ނަޒީފު އޮފީހަށްދާން ގެއިން ނިކުމެއްޖެއެވެ.

ގޭތެރެ ރީތިކޮށްލުމަށްފަހު، ދާވެފައިހުރި އެއްޗެހި ދޮވެ، މެންދުރަށް ކައްކައި މަސައްކަތް ނިންމާލެވުނުއިރު، މެންދުރުން އަނބުރައިފިއެވެ. ރަޝްފާ ގަސްދުކުރީ ނަޒީފު އަންނާންވާއިރަށް ފެންވަރައި ނަމާދުކޮށްލުމަށެވެ. އަދި ތާޒާކަމާއެކު ނަޒީފަށް އިސްތިގުބާލު ކުރާށެވެ. ސާފުތާހިރުވެ، ތާޒާ މޫނަކާއެކު އަނބިން ފިރިންނާ ބައްދަލުކުރުމަކީ، ފިރިމީހާގެ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމެއްކަން ރަޝްފާއަށް އަބަދުވެސް އެނގެއެވެ.

ފެންވަރައި ނިމިގެން ނިކުމެ، މެންދުރުނަމާދު ކޮށްލުމަށްފަހު، ނަޒީފުގެ އިންތިޒާރުގައި ރަޝްފާ އިނެވެ. އެއިރު ވެސް އޭނާގެ ހިތުގައި، ރޭ ފެނުނު ހުވަފެނުގެ ހަނދާންތައް ހަރުލާފައި ހުއްޓެވެ. އެއްވެސް މީހަކަށް އެ ހުވަފެން އޭނާ އަދި ކިޔައެއްނުދެއެވެ. ނަޒީފު އިތުރަށް އެ ވާހަކަ ނާހައިފިއްޔާ، ނަޒީފަށް ވެސް ކިޔައިދޭކަށް ރަޝްފާ ގަސްދެއް ނުކުރެއެވެ. އެއީ އެއަށްވުރެ މާ ބިރުވެރި ވާހަކަތަކެކެވެ.

ކޮންމެ ގޮތެއްވިޔަސް އެއީ ފެނުނު ހުވަފެނެކެވެ. ހަގީގަތެއް އޮތް ކަމެއްނޫނެވެ. ހުވަފެނަކީ ބިލާހެކެވެ. އެއީ ޝައިތާނާގެ ކަމެކޭ ވެސް ބައެއް މީހުން ބުނެއެވެ. އެކަމާ މާބޮޑަށް ފިކުރުކުރާން ހަދާނޭކަމެއް ނެތެވެ. ޚިޔާލުކުރި ވަރަކަށް ހިތްބިރުގަތުން ފިޔަވައި، އެހެން ކަމެއް ނުވާނެއެވެ. އެހެންކަމުން ރަޝްފާ ގަސްދުކުރީ، އެކަމާ އެއްވެސް ވަރަކަށް ޚިޔާލު ނުކުރުމަށެވެ. ފިކުރު ނުކުރުމަށެވެ.

ދެގަޑިބައި ވެއްޖެއެވެ. ރަޝްފާ ތެދުވެގެން ބަދިގެއަށް ހިނގައްޖެއެވެ. ނަޒީފު އަންނާންވާއިރަށް ކާންހެދުމަށެވެ. ކާންހަދާފައި އައިސް، ގެއަށް ވަންއިރު ނަޒީފު ވެސް އައިސް ގެއަށް ވަންނަނީއެވެ.

“ހާދަ ލޯތްބޭ!” ރަޝްފާގެ މޫނަށް ނަޒީފު ބަލައިލިއެވެ.

“އަވަހަށް އެއްޗެހި ބަދަލުކޮށްގެން ހިނގާ ކާންދާން! ވަރަށް ބަނޑުހައިވެއްޖެ މިއަދު.” ރަޝްފާ ހިނިއައިސްފައިހުރެ، ވާހަކަ ދެއްކިއެވެ. ނަޒީފު ކުރި ތަޢުރީފުގެ ސަބަބުން އޭނާ ހުރީ އުފާވެފައެވެ. އެ ފަދަ ޖުމުލަތައް ނަޒީގެ ދުލުން ބުނެލާއަޑު އޭނާ އަހައިލަން ނުހަނު ބޭނުންވެއެވެ.

“ދެން ކީއްވެ ނުކެއީ؟ މާ ބޮޑަށް ބަނޑުހައިވެއްޖިއްޔާ އަހަރެން ނަޔަސް ކައިގެން ހުންނާތި! ދެން އަނެއްކާ އަހަރެން އައީމާ ވެސް ކާނީ.” ނަޒީފު ގަމީސްބާލައިފައި ރަޝްފާގެ އަތަށް ދިއްކޮށްލިއެވެ.

“އޭރުން ދުވަސްކޮޅަކުން އަހަރެން ހީވާނީ ބޯޅައެއްހެން.” ރަޝްފާ ސަމާސާގޮތަކަށް ބުނެލިއެވެ.

“ބޯޅައަކަށް ވެއްޖެއްޔާ އަހަރެން ކުޅެން ފަށާނަމޭ!” ނަޒީފު ހީނގަތެވެ.

“ދެން ފޮނި ވާހަކަ ނުދައްކާ އަވަހަށް ހިނގާ ދާން! މިހާރު އެއޮއް ތިނެއްޖަހަނީ.”

“އާނ! އަދި މިހިރީ ހަނދާން ނެތިފައޭ! މިއަދު ހަވީރު އަތޮޅުވެރިން ވެސް އެބަ ދުރުވޭ މި ރަށަށް! ގަމީހަކާ ފަޓުލޫނެއް އިސްތިރިކޮށްލާން ޖެހޭނެ.”

“ރޭގައި ކަޅުރޮނގުދެމި ގަމީހާއި އޭގެ ފަޓުލޫނު އިސްތިރިކުރިން. ކިހައި އިރަކު އަތޮޅުވެރިން ދުރުވަނީ؟” ބަދިގެއާ ދިމާއަށް ހިނގައިގަންނަމުން ރަޝްފާ އަހައިލިއެވެ.

“ހަތަރެއްޖަހައި އެހައިކަންހައިއިރު ދުރުވާގޮތަށް އަދި އޮތީ. ފަހަރެއްގައި ތަންކޮޅެއް ލަސް ވެސް ވެދާނެ.”

“މި ރޭ މިރަށުގައި؟”

“ހީވަނީ މިރޭ ވާންޏަށްހެން ދުރުވާނީ.” ނަޒީފު މޭޒުދޮށުގައި އިށީނނިއެވެ.

“ތީ ވެސް ނަސީބެއް ކަންނޭނގޭ. ނަޒީފުގެ ތައްޓަށް ރަޝްފާ ބަތްއަޅާން ފެށިއެވެ.

“ޝަކީބުގެ ޚަބަރެއް ނުވޭތަ؟ ޖައްސައި ވެސް ނުލައި ދޯ!”

“އާޝިޔާ ދައްތަ މިއަދު އައި. ޝަކީބު ވީ މަހަށް ގޮހޯ.”

“އެހެންވިއްޔާ މިއަދު މަސް ލިބޭނެތާ.” ނަޒީފު ކާންފަށައިފިއެވެ.

“ފިޔާކޮޅަކާ އެއްޗެހި ގަނެލަން މިއަދު އެބަޖެހޭ. މަހެއް ލިބިޖެއްޔާ ރިހަފޮދެއް ވެސް ކައްކައިލެވޭނީ އޭރުން. އަހަރެންގެ އަތުގައި ހުރި ލާރިކޮޅު ހުސްވެއްޖެ.”

“ހަންފޮށީގައި އޮންނާނެ ސަތޭކަރުފިޔާ. ދޮންހަސަނު ފިހާރައިގައި ވަރަށް ރީތި ފިޔާ އެބަހުރި. އެކަމަކު ވަރަށް އަގުބޮޑު. ރަޝްފާ ގޮސް ގަނެލާ!”

ކައިނިމިގެން ފެންވަރައި، ތައްޔާރުވެލައިގެން ނަޒީފު ދިޔައީ އޮފީހަށެވެ. އަތޮޅުވެރިންގެ އިސްތިޤުބާލަށެވެ. ނަޒީފަށް ގެއަށް އާދެވުނީ، އެ ރޭ ނުވައެއްޖެހި ފަހުންނެވެ. އެއިރު ރަޝްފާ އިނީ، ކޮޓަރީގައި ވާހަކަފޮތެއް ހިފައިގެން ކިޔާށެވެ. ނަޒީފު ވަންތަން ފެނިފައި ފޮތް ލައްޕާލިއެވެ.

“މާ ލަސްވީ ދޯ!” ބޫޓު ބާލަމުން ނަޒީފު އަހައިލިއެވެ.

“އާނ! ޝަކީބު ވަރަށް ގިނައިރު އިނދެފައި އެ ދިޔައީ.” ރަޝްފާ އައިސް ނަޒީފުގެ ގާތަށް ހުއްޓުނެވެ.

“އެހެންތަ! އަހަރެން ހީކުރީ ރަޝްފާ އިންނާނީ ވަރަށް އެކަނިވެފައި ކަމަށް.” ބޫޓު ބޭލުމަށްފަހު ކޮޓަރިއަށް ވަދެ، ގަމީސް ބާލަމުން ނަޒީފު ބުންޏެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!