ސަހަރޯ: މުހައްމަދު ޤާސިމް

(ހޯމަ ދުވަހުގެ ބަޔާއި ގުޅޭ)

ލިޔުންތެރިޔާގެ ނޯޓު: މި ވާހަކައިން ފެންނާނީ، މީގެ ފަންސަވީހަކަށް އަހަރު ކުރީގެ ދުވަސްވަރެވެ. އެހެންކަމުން މި ވާހަކައިގައި ފެންނަ މާލެއާއި ރަށްފުށް، މިހާރާ އަޅައި ބަލާއިރު، ކޮންމެވެސް ވަރަކަށް ތަފާތުވާނެއެވެ. ދިރިއުޅުމުގެ ހާލަތާއި، ބޭނުންކުރާ ތަކެއްޗާއި، ކައިބޮއި އުޅުނުގޮތާއި، ލާ އަންނައުނާއި މި ފަދަ ހުރިހައި ކަމަކުން ވެސް ތަފާތުތައް ފެންނާނެއެވެ.


ކައިނިމިގެން ފެންވަރައި، ތައްޔާރުވެލައިގެން ނަޒީފު ދިޔައީ އޮފީހަށެވެ. އަތޮޅުވެރިންގެ އިސްތިޤުބާލަށެވެ. ނަޒީފަށް ގެއަށް އާދެވުނީ، އެ ރޭ ނުވައެއްޖެހި ފަހުންނެވެ. އެއިރު ރަޝްފާ އިނީ، ކޮޓަރީގައި ވާހަކަފޮތެއް ހިފައިގެން ކިޔާށެވެ. ނަޒީފު ވަންތަން ފެނިފައި ފޮތް ލައްޕާލިއެވެ.

“މާ ލަސްވީ ދޯ!” ބޫޓު ބާލަމުން ނަޒީފު އަހައިލިއެވެ.

“އާނ! ޝަކީބު ވަރަށް ގިނައިރު އިނދެފައި އެ ދިޔައީ.” ރަޝްފާ އައިސް ނަޒީފުގެ ގާތަށް ހުއްޓުނެވެ.

“އެހެންތަ! އަހަރެން ހީކުރީ ރަޝްފާ އިންނާނީ ވަރަށް އެކަނިވެފައި ކަމަށް.” ބޫޓު ބޭލުމަށްފަހު ކޮޓަރިއަށް ވަދެ، ގަމީސް ބާލަމުން ނަޒީފު ބުންޏެވެ.

“އަތޮޅުވެރިން މިހާރު ފުރުއްވީތަ؟” ނަޒީފުގެ ގަމީސް ހިފައިގެން އަލަމާރިއާ ދިމާއަށް ހިނގައިގަންނަމުން އާދައިގެ ގޮތަކަށް ރަޝްފާ އަހައިލިއެވެ.

“ވަރަށް ބޮޑުކަމެއް ލައިގެންފި!” ނަޒީފުގެ މޫނުމަތިން ކުއްލިއަކަށް ކަންބޮޑުވެފައި ހުރިގޮތް ހާމަވެގެން ދިޔައެވެ.

“ކިހިނެއްވީ އަނެއްކާ؟” ގަމީސް ކޮނޑުގައި އަޅުވަން ހުރެފައި ނަޒީފުގެ މޫނަށް ރަޝްފާ ބަލައިލިއެވެ.

“އަތޮޅުވެރިންގެ އަރިހުގައި މި ދަތުރުގައި ދާންވީޔޯ! ކިހިނެއް ހަދާނީ؟ ވަރަށްގިނަ ބަހަނާތައް ވެސް އަހަރެން ދައްކައިފިން. އެކަމަކު ގަބޫލެއް ނުކުރެއްވި. އެންމެފަހުން އެއްބަސްވާން ޖެހުނީ.” ނަޒީފު ހުރީ ހިތްނުތަނަވަސް ވާގޮތްވެފައެވެ.

“ކީއްކުރަން ބަހަނާދެއްކީ؟ ތިޔަ ކަހަލަ ފުރުޞަތެއް ލިބުމުން ބޮލުން ނައްޓައިލުމަކީ، ތިމާއަށް ލިބޭ ކުރިއެރުމަށް ވެސް އެޅޭ ހުރަހެއްނު.” ރަޝްފާގެ ވާހަކަ ހުރީ، ނަޒީފު ހީކުރިގޮތާ މުޅިން ޚިލާފަށެވެ.

“އެކަމަކު….. އަހަރެން ދިޔައިމާ….. ރަޝްފާ ކިހައި އެކަނި….” ނަޒީފަށް ހައިރާންކަމާއެކު ރަޝްފާގެ މޫނަށް ބަލައިލެވުނެވެ.

“ތި ޝަކުވާ ކުރާނީ އަހަންނެއްނު. ކޮންމެ ގޮތެއްވިޔަސް ތިޔައީ ނަޒީފުގެ ވަޒީފާ. ވަޒީފާއަށް ހުރަސްއެޅޭ ކަހަލަ ކަމެއްގައި، އަހަރެން ނުކުރާނަން ޝަކުވާއެއް.”

“ރަޝްފާއަށް ކެރޭނެތަ އެކަނި މިގޭގައި އުޅެން؟” ނަޒީފަށް އަހައިލެވުނެވެ.

“ކީއްވެ ނުކެރެންވީ؟ އަހަރެން ނަޒީފާ އިނީ، މި ކަހަލަ އެތައް ކަމަކާ ކުރިމަތިލާން ޖެހިދާނޭކަން އެނގިހުރެގެން”

“އެކަމަކު….. ރަޝްފާ އެކަނި ދޫކޮށްލާފައި ދާންޖެހޭތީ، ވަރަށް ކަންބޮޑުވޭ. ” ނަޒީފު ހުރީ ހިތްނުތަނަވަސްވެފައެވެ.

“ތިޔައީ ހަމަ އެންމެ ދެ ދުވަހެއްގެ ދަތުރެއްނު. އޭގެ ފަހުން ހަމަ މިހާރު މި އުޅޭހެން އަހަރެމެންނަށް އުޅެވޭނޭ! އެހައި ހިސާބުން ހުންނާނީ ހުރިހާ ކަމެއް ހަމަޖެހިފައި. މަށަށް ފެންނަނީ ތި ދަތުރުގައި ބައިވެރިވާން. މިހާ އަވަހަށް ނަޒީފު ބައިވެރިކުރެއްވުން އެއީ، އަތޮޅުވެރިން ނަޒީފަށް ކުރައްވާ އިތުބާރުގެ ބޮޑުކަމުގެ ހެތްކެއްހެން މަށަށް ހީވަނީ.”

“މައްސަލައެއް ނެތް! އަހަރެން މި ދަތުރުގައި ބައިވެރިވާނަން. ރަޝްފާ އެދޭގޮތަށް އަހަރެން ހުރިހައި ކަމެއް ވެސް ކުރާނީ.”

“ނަޒީފު ކަންބޮޑުވަނީ އަހަރެން އެކަނިވާނޭވަރު ހިތަށް އަރާފައި ދޯ! އެކަނި ނުވާނޭ ގޮތް ހަދައިދޭންވީނު!”

“ކީކޭ ތި ބުނީ؟” ރަޝްފާގެ މޫނަށް ނަޒީފަށް ބަލައިލެވުނެވެ.

“ދެން….އެނގޭނެ މިހެން ބުނީމަ.” ރަޝްފާ އިސްއޮބައިލިއެވެ.

“ހޫނ! އެނގިއްޖެ!” ނަޒީފު ބޯޖަހާލިއެވެ. “އަހަންނަށް ހީވަނީ އަދި ތަންކޮޅެއް އަވަސްހެން. ކައިވެންޏަށް ވެސް އަދި މަހެއް ވެސް ނުވެއެއްނު.”

“އެކަމަކު…….. އޭރުން ކިހައި ފޫހިފިލާނެ. ” ރަޝްފާ އިނީ އެކަމަށް ނުހަނު ބޭނުންވެފައިކަން، އޭނާގެ ވާހަކައިން އެނގެއެވެ.

“ބުނަންތަ ވާހަކައެއް؟” ރަޝްފާއާ ދިމާއަށް ނަޒީފު ބަލާން އިނީ ހިނިއައިސްފައެވެ.

“ހޫނ.” ރަޝްފާ ވެސް ނަޒީފާ ދިމާއަށް ބަލައިލަމުން ހިނިތުންވެލިއެވެ.

“މީ އަހަރެމެންގެ މާމުއިހަނދުގެ ދުވަސްވަރެއްނު. އަދި ކެތްކޮށްލާ! އަހަރެއްހައި ދުވަސް ފަހުން، ތި ކަހަލަ ކަމަކާ އުޅޭނީ.”

“އަހަރެން އެކަނި ބައިންދާފައި ދާންޖެހުމުން، ނަޒީފު ކަންބޮޑުވާތީ މިހެން މި ބުނީ.” ނަޒީފުގެ ޚިޔާލަށް ރަޝްފާ ވެސް ތާޢީދު ކުރިއެވެ.

ރަޝްފާ އެ ބުނީ ރަނގަޅު ވާހަކައެކެވެ. ރަޝްފާ އެކަނި ގޭގައި ބައިންދާފައި ފުރައިގެން ދާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެ ގޮތަށް އެކަން ކުރާން ޖެހޭތީ، އޭނާ ކަންބޮޑު ވެސް ވެއެވެ. ކަމެއް ދަމެއް ބޮޑުވާނީ، ކޮން އިރަކު ކިހިނެއް ކަމެއްވެސް އެނގެނީއެއް ނޫނެވެ. އެހެންވެއްޖެ ނަމަ ގޮވައިލާނޭ މީހަކު ވެސް ހުންނާނީއެއް ނޫނެވެ.

“މަށަށް ފެންނަނީ މި ރޭ ޝަކީބުމެންގެއަށް ނިދުން ބަދަލުކޮށްލަން. ކިހިނެއް ވާނީ؟”

“މަށަށް މައްސަލައެއް ނެތޭ އެކަނި އޮންނާން ވިޔަސް. ނަޒީފު ދެން އެކަމާ އެހައި ބޮޑަށް ނުވިސްނަބަލަ! އިރާދަކުރެއްވިއްޔާ އެއްވެސްކަމެއް ގޯސްކޮށެއް ދިމައެއް ނުވާނެ!”

ކައިނިމިގެން ގެއަށް އައިސް، ދަބަހަށް އެއްޗެހި އަޅަން އުޅުނުއިރު ވެސް، ނަޒީފުގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ގެއިން ނިކުންނާންޖެހޭ ވަގުތު ކުޑަތަންވަމުން އައިވަރަކަށް، އޭނާގެ ހިތުގެ ނުތަނަވަސްކަން އައީ އިތުރުވަމުންނެވެ. އެހެންނަމަވެސް އެކަން ރަޝްފާއަށް ނުދައްކާވޭތޯ އޭނާ ގެންދިޔައީ މަސައްކަތް ކުރަމުންނެވެ.

ރަޝްފާގެ ހާލަކީ ވެސް މިއެވެ. އޭނާގެ ހިތަކަށް ވެސް މި ރެއަކު ލުޔެއް ނޫނެވެ. ނަޒީފު ނެތި އެކަނި ނިދާން އޮތުން، ފަސޭހަ ކަމަކަށް ނުވާނެއެވެ. އެހެންނަމަވެސް އެކި ރޭ އެކިތަނުގައި ނިދުމަކީ، ރަޝްފާއަށް ކަމުދާ ކަމަކަށް ނުވާތީ، ޝަކީބުމެން ގެއަށް ނިދަންދާން އޭނާ ބޭނުން ނުވީއެވެ. ދިރިއުޅުމަކީ ހަނގުރާމަ އެކެވެ. މިއަށްވުރެ ބޮޑެތި ކަންކަމަށް ވެސް ކެތްކުރީއެވެ. އަދިވެސް ކެތްވާނެއެވެ.

އަށްގަޑި ބައިވަނީއެވެ. ނަޒީފު ދަބަސް ނަގައި ކޮނޑުގައި އަޅުވައިލިއެވެ. އެއަށްފަހު ރަޝްފާއާ ހަތަރުކަޅި ހަމަނުކޮށް ސަލާން ކޮށްލަން އަތް ދިއްކޮށްލިއެވެ. އެ އަތުގައި ރަޝްފާ ހިފައިލިއެވެ. އެ އަތް ފިނިވެފައި އޮތް މިންވަރު ނަޒީފަށް އިހުސާސް ކުރެވުނެވެ. އޭނާއަށް ބޭއިޚުތިޔާރުގައި، ރަޝްފާގެ ގައިގައި ބައްދައިލެވުނެވެ. އެއާއެކު އެއަށް ވުރެ ބާރަށް ނޒީފުގެ ގައިގައި ރަޝްފާ ބައްދައިގަތެވެ. އެ ބައްދައިގަތުމުން ބުނާކަހަލައެވެ.

ނަޒީފެވެ! އަހަރެން އެކަނި ބަހައްޓާފައި ނުދާށެވެ! އަހަރެން ހާދަ އެކަނިވާނެއެވެ. ނަޒީފު ނެތުމުން މިރޭ އެނދު ވެސް ހާދަ ފަޅުވާނެއެވެ! އަހަރެން ދެން ނިދާނީ ކިހިނެއް ހެއްޔެވެ؟  އަހަރެން ބަހައްޓާފައި ނުދާށެވެ!

“މަޑުކުރަންވީތަ؟” ނަޒީފުގެ އަޑު ހުރީ ކުރެހޭގޮތްވެފައެވެ.

“އުނހު!” ނަޒީފުގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ ރަޝްފާ ބޯ ހަލުވައިލިއެވެ.

ރަޝްފާއާ ސަލާމްކޮށްލުމަށްފަހު ދަބަސް ކޮނޑަށް އެއްލައިގެން ހިތާ ދެކޮޅަށް ކަހަލަ ގޮތަކަށް ނަޒީފު ހިނގައިގެންފިއެވެ. ފުރަން ކަނޑައަޅާފައިވާ ވަގުތު ކުޑަތަންވާން ފެށުމުންނެވެ. ރަޝްފާ ބަލަން ހުރެފައި ދެ ލޯ ފޮހެލިއެވެ.

“ނަޒީފު!”

ރަޝްފާގެ އަޑަށް ނަޒީފު ހުއްޓުނެވެ. އެނބުރި ފަހަތަށް ބަލައިލިއެވެ. ރަޝްފާގެ މޫނަށެވެ. ރަޝްފާ ކިތަންމެ ވަރަކަށް ފޮރުވާން އުޅުނަސް އޭނާގެ މޫނުމަތިން ހިތާމައިގެ އަސަރު ނަޒީފަށް ފެނިއްޖެއެވެ.

“ކީކޭ؟” ނަޒީފު އެނބުރި އައިސް ރަޝްފާ ގާތަށް ހުއްޓުނެވެ. ރަޝްފާ ހުރީ ނަޒީފުގެ މޫނަށް ބަލާށެވެ.

“ދެރަނުވައްޗޭ!” ރަޝްފާގެ އަޑުގައި ތުރުތުރެއް ހުއްޓެވެ. އެހެންނަމަވެސް އޭނާ ގަދަކަމުން ތުންފަތްމައްޗަށް ހިނިތުންވުމުގެ އަސަރު ވެރިކުރުވޭތޯ މަސައްކަތް ކުރިއެވެ.

ބޯ ޖަހައިލުމަށްފަހު ނަޒީފު އަވަސް އަވަހަށް ހިނގައިގެންފިއެވެ.

ނަޒީފު ގޮސް އޮބައިލަންދެން ރަޝްފާއަށް ގޭދޮރުމަތީގައި ބަލާން ހުރެވުނެވެ. އެއިރު އޭނާގެ ދެ ލޮލަށް ވަނީ ކަރުނައިގެ ލަޝްކަރު ޖަމާވެފައެވެ.

ރަޝްފާގެ ލޯމަތިން ނަޒީފު ގެއްލިއްޖެއެވެ. ރަޝްފާ ދެ ލޯ ފުހެލިއެވެ. އެއަށްފަހު ގެއަށް ވަދެ ދޮރުލައްޕާ ތަޅުލައިފިއެވެ. އެއްޗެހި ބަދަލުކޮށްލައިގެން ނިދުމަށް ޓަކައި އެނދުގައި ބުރަކަށި ޖައްސާލުމާއެކު، ރަޝްފާގެ ސިކުނޑީގައި ކޮށައިލީ، ކުރީ ރޭ އިވުނު އަޑާއި ފެނުނު ހުވަފެނެވެ. އެ ވަގުތު އާދަޔާ ޚިލާފުގޮތަކަށް އޭނާގެ މޭ ތެޅިގަތެވެ. ބިރުވެރި ތެޅުމަކުންނެވެ. ބިރުވެރި ވަސްވާސްތަކާއި ޚިޔާލުތައް ހިތުންނެރެ ބޭރުކޮށްލުމަށް މަސައްކަތް ކުރަމުން، އެނދުގެ ބިއްދޮށަށް އެނބުރި ކުރުގެޅިލައިގެން އޮވެ، ނިދޭތޯ ރަޝްފާ މަސައްކަތް ފެށިއެވެ. އޭނާ އޮތީ ދެލޯ މަރާލައިގެންނެވެ. އެހެންނަމަވެސް އޭނާގެ ލޮލަކަށް ނިންޖެއް ނާދެއެވެ. ތެޅިތެޅި އޮތް ހިތަކާއެކު، ނިދޭނީ ކާކަށް ހެއްޔެވެ؟ އޭނާ މާތްﷲ އާ ވަކީލުކޮށްލައިގެން އޮވެ، ނިދޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

(ނުނިމޭ)

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!