ޔާމީން ހުންނެވީ ރަނގަޅު މާހައުލެއްގައި: އިމްރާން

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ހުންނެވީ ޖަލެއްގައި ގާއިމް ކުރެވޭނެ އެންމެ ރަނގަޅު މާހައުލުގައި ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެ އެވެ.

ދިވެހި ރާއްޖޭގެ އަޑުން ރޭ ގެނެސްދިން ”އަހާށޭ ބުނާނަން“ ޕްރޮގުރާމްގެ ބައިވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ހުންނެވީ ފެންވަރު ރަނގަޅު ކުޑަ އެޕާޓްމަންޓެއްގައިކަމަށާއި އެ ތަނުން ހޫނުފެން ވެސް ލިބެން ހުންނާނެކަމަށެވެ.

”އަޅުގަނޑުމެން(ޖަލުގައި) ތިބިއިރު ތިބި ގޮތާއި ތިބި ހާލާއި ރައީސް ޔާމިން އެ ހުންނެވި ހާލަތާއި ގޮތްކޮޅު އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގޭނެ އަޅުގަނޑު މި ދަންނަވަނީ ކޮންވާހަކައެއްކަން. ހޫނުފެނުން ފެންވެރޭގޮތަށް ހުންނާނީ. އަނެއްހެން ބަލާނަމަ މުހިންމު ވާހަކައެއް މިއީ. އަޅުގަނޑުމެން ތިބެންޖެހުނު ގޮތާއި ހާލަތުގެ ގޮތުން ފިނި ބޮޑުވެގެން ގޮސް ފިނިގަދަވާ ދުވަސްވަރެއްގަ ރޯގާ ޖެހިގެން ގޮސް ސަލާމަތްނުވެގެން އުޅޭންޖެހުނީ“

ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާއި ގުޅޭ ގޮތުން އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ ރައީސް ޔާމީންގެ ސިއްހީ ހާލަތާއި ގުޅޭ ގޮތުން ޑޮކްޓަރުން ދީފައިވާ ލިޔުމެއްވާ ކަމަށާއި އެ ލިޔުމުގައި ދެ ކަމަކަށް ލަފާ ދީފައިވާ ކަމަށެވެ. އެއީ ޓެސްޓެއް ހެއްދެވުމާއި އެ މަނިކުފާނު ސްޓްރެސްފްރީ މާހައުލެއްގައި ބެހެއްޓުން ކަމަށެވެ. އެ ދެ ޓެސްޓަކީ ރާއްޖެއިން ހެދޭނެ ޓެސްޓެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެ ޓެސްޓް ހެދުމާއި ގުޅޭގޮތުން ރައީސް ޔާމީނާ ބައްދަލުކޮށް ވާހަކަ ދެއްކެވި ކަމަށެވެ. އަދި ޓެސްޓް ހެއްދެވުމަށް މި ރީޖަންގެ ގައުމުތަކުން ދާން ބޭނުންވާ ކޮންމެ ގައުމަކަށް ދިއުމުގެ ފުރުސަތު އޮތް ވާހަކަ ވެސް އެމަނިކުފާނަށް ދެންނެވި ކަމަށެވެ. ނަމަވެސް ޓެސްޓް ހައްދަވަން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަަށެވެ. އެމަނިކުފާނު އެދިވަޑައިގެންނެވީ ގޭ ބަންދަށް ބަދަލުވެވަޑައިގަތުމަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!