މާމެންދޫ ކޯޓުގެ އިސްމެޖިސްޓްރޭޓް ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށައަޅަން ޖޭއެސްސީއިން ނިންމައިފި

ގއ މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ޖޭއެސްސީން ވިދާޅުވީ، ޝުކޫރުއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާމެދު ގޮތެއް ނިންމުމުގެ މައްސަލަ ގއ.ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަހު، އެ ކޯޓުގައި މަސައްކަތްކުރާ މެޖިސްޓްރޭޓެއް ގޮތުގައި ހުރެ، ހައްޔަރުކުރެވިފައިވާ ފަރާތުގެ ޤާނޫނީ ވަކީލުއާ ގއ.ވިލިނގިލީ ރެސްޓޯރެންޓެއްގައި އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ބައްދަލުވެ ވަކީލު ދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވާކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދުވަސްވަރު، ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމެއްގައި ކުރީގެ ފަނޑިޔާރުންތަކަކާއެކު ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެނޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް ވާހަކަދައްކައި ވޯޓް ހޯދުމަށް މަސައްކަތް ކޮށްފައިވާ ކަންވެސް ސާބިތުވެފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވިލިނގިލީ ކެފޭއެއްގެ ތެރޭގައި، ޝުކޫރު ސިޔާސީ ވާހަކަ ދައްކައި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުންވެސް 2018 ވަނަ އަހަރުގެ އޮގަސްޓް މަހު ޓެރަރިޒަމްގެ ތުހުމަތުގައި ގއ.ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް، ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެ ކުރިން، ޝަރީއަތުގެ މަޖިލީހުން ބޭރުން، އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތް ފުލުހުންނާ ހިއްސާކޮށް، އަދި ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރިކަމުގެ ހަމަތަކުން ބޭރުން ޝުކޫރު އަމަލުކޮށްފައިވާކަން ސާބިތުވާކަންވެސް އެކޮމިޝަނުން ވަނީ ފާހަގކޮށްފަ އެވެ.

މި އަމަލުތަކަކީ ގާނޫނުއަސާސީގެ 142 ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާއި، (5) ވަނަ ނަންބަރާއި، (10) ވަނަ ނަންބަރާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑުގެ 1.5 ވަނަ ނަންބަރާއި، 3.1 ވަނަ ނަންބަރާއި، 4.2 ވަނަ ނަންބަރާއި، 7.1 ވަނަ ނަންބަރާއި އަދި 7.2 ވަނަ ނަންބަރާއި ހިލާފަށް ކޮށްފައިވާ އަމަލުތަކެއްކަމެކެވެ.

އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ކޮމިޝަނުން މިއަދު ނިންމިއިރު، އިސްމެޖިސްޓްރޭޓް އަޙްމަދު ޝުކޫރުގެއިިތުރު މައްސަލަތައްވެސް ކޮމިޝަނުން ދަނީ ތަހްޤީޤުކުރަމުންކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!