ސަރުކާރުން ޑިމޮކްރަސީ ހަރުދަނާކުރަން ކުރާ މަސައްކަތަށް އެމެރިކާގެ ތައުރީފު

ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރަން މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެމެރިކާއިން ތައުރީފުކޮށްފި އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕިއޯ އަންނަ ބުދަ ދުވަހު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެ ދަތުރާ ބެހޭ ގޮތުން އިއްޔެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާ ސްޓޭޓް ޑިޕާޓްމަންގެ ޕްރިންސިޕަލް ޑެޕިޔުޓީ އެސިސްޓެންޓް ސެކްރެޓަރީ ޑީން ތޮމްޕްސަން ވަނީ ރާއްޖޭގެ މަސައްކަތައް ތައުރީފު ކުރައްވާފަ އެވެ.

ޑީން ތޮމްޕްސަން ވިދާޅުވީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސާސަތައް ހަރުދަނާކުރުމަށް ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ކަމަށެވެ.

“އެތަކެއް އަހަރުތަކެއް ވަންދެން އެ މަސައްކަތުގެ މުހިއްމު ބައިވެރިއެއްގެ ގޮތުގައި އެމެރިކާ އިން އަދާކޮށްފައިވާ ދައުރާމެދު ފަހުރުވެރިވޭ. އަދި ސަރަހައްދީ ސަލާމަތާއި ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއާ ގުޅިގެން ކުރެވޭ މަސައްކަތަކީވެސް އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،” ތޮމްޕްސަން އިއްޔެ ވިދާޅުވި އެވެ.

ޕޮމްޕެއޯގެ މި ދަތުރުފުޅުގައި ރައީސް ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައި މިނިސްޓަރު ޝާހިދުއާއެކު ރަސްމީ މަޝްވަރާތައް ބާއްވަވާނެއެވެ. މި މަޝްވަރާތަކުގައި ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުންނާއި ކުރިމަގުގައި ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ އަހަރު މިނިސްޓަރު ޝާހިދު ވަނީ ޕޮމްޕިއޯގެ ދައުވަތަކަށް އެމެރިކާއަށް ވަޑައިގެންފަ އެވެ. 

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!