އަހަންނަކީ ޝާހްރުކް ޚާން ވައްޓައިލެވޭ ވަރުގެ އެކްޓަރެއް ކަމަށް މީހުން ބުނި: ރޯހިތު ރޯއީ

ބޮލީވުޑް އެކްޓަރު ރޯހިތު ރޯއީ އޭނާގެ ކެރިއަރާ ބެހޭގޮތުން ވާހަކަދައްކައި، ބަޔަކު ހައިރާންވާނެ ވަރުގެ ކަންތައްތަކެއް ހާމަކޮށްފިއެވެ.

އެކްޓިންގ ކެރިއަރުގައި އުސްމިންތަކަށް ވާސިލު ނުވެވުމާ ބެހޭގޮތުން ‘ނަވްބާރަތު ޓައިމްސް’ އަށް ދިން އިންޓަވިއުއެއްގައި “އެޕާޓުމެންޓު” ގެ ބަތަލު ކިޔައިދިން ގޮތުގައި، އޭނާއަށް ކާމިޔާބު ނުލިބުމުގެ ސަބަބަކީ އަމިއްލައަށް ބޮޑާވެވުމެވެ. އެގޮތުން އެންމެ ފުރަތަމަ ޓީވީ ޝޯތަކުގައި މަސައްކަތް ކުރަމުން ގޮސް “ސްވަބިމާން” ކިޔާ ސިލްސިލާއެއްގައި ނުބައިބައި ރޯލު ކުޅެމުންދިޔަ ދުވަސްވަރަކީ އޭނާގެ ތަރި އެންމެ ގަދަޔަށް ފިޔަޖަހަމުން ދިޔަ ދުވަސްވަރު ކަމަށް ރޯހިތު ބުންޏެވެ. “ޝޯލޭ ފިލްމުގެ ގައްބަރުގެ ކެރެކްޓަރުހާ މަޤުބޫލުވި އަހަރެންގެ ކެރެކްޓާ. އެހެންވެ ކުޑަދުވަސްކޮޅެއްގެ ތެރޭގަ އަހަންނަށް އެހާ ބޮޑު މަޝްހޫރުކަމެއް ލިބިގެންދިޔައީ”.

ނަމަވެސް އެ މަޝްހޫރުކަމުގެ ސަބަބުން ބޮޑާވެވި، މީހާއަށް މީހާ ފެނިފައި ހުރިލެއް ބޮޑުކަމުން އެކްޓިންގ އިތުރަށް ރަނގަޅުކުރަން ވެސް މަސައްކަތް ނުކުރެވޭ ކަމަށް ރޯހިތު ބުންޏެވެ. “އޭރު މީހުން އަހަންނާ ދިމާއަށް ބުނާނެ އަހަންނަކީ ޝާހުރުކް ޚާން ވައްޓައިލެވިދާނެ އެކްޓަރެކޭ. އޭރު ޝާހުގެ ދީވާނާ ފިލްމު ތިއޭޓަރުތަކުގަ އަޅުވަމުން ދިޔައީ”، ރޯހިތު ހިއްސާކުރިއެވެ.

މީހުންގެ ތަޢުރީފު ލިބި ލިބި ގޮސް ބޮޑާވެ ކިބުރުވެރިވެވުމުގެ ނަތީޖާއަކަށް ވީ، ރޯހިތު ބޮލީވުޑަށް ނުކުތުމުން ރަނގަޅު އޮއްޓަރެއް ހުރި ރޯލެއް ވެސް ނުލިބުމެވެ. އެގޮތުން ރޯހިތު މިހާތަނަށް ކުޅެފައިވާ ފިލްމުތަކަކީ ހުސް އެއް ޖޯންރާއަކަށްދާ، ގިނަ ކާސްޓެއް އެކުލެވޭ ފިލްމުތަކެކެވެ. އޭގެ ސަބަބުން އޭނާއަށް ހީރޯއެއްގެ ގޮތުގައި ލިބެންވާ ނަން ވެސް ނުލިބުނެވެ.

“ޝާހްރުކް ޚާންގެ ކެރިއަރު އުސްމިންތަކަށް އަރާފައިވާ މަންޒަރު އެހުރީ ފެންނަން މިހާރު. އެކަމަކު އަހަންނަކީ އަދިވެސް ސްޓްރަގަލް ކުރަމުންދާ އެކްޓަރެއް”، ރޯހިތު ފާހަކުރިއެވެ.

އެހެނަސް ރޯހިތު ބުނިގޮތުގައި އޭނާއަށް މިހާތަނަށް ލިބިފައިވާ ކާމިޔާބީއެއް ވާނަމަ އެކަމާ އުފާކުރާ ކަމަށެވެ. “އަހަރެން ހިތާމައެއް ނުކުރަން ކެރިއަރާ މެދު”.

ރޯހިތު، 52، އެންމެފަހުން ފެނިފައި ވަނީ 2018 ވަނަ އަހަރު ނުކުތް “ޕަލްޓަން” ފިލްމުންނެވެ. އަދި މިހާރުވެސް މަސައްކަތް ކުރަމުން ދަނީ އިތުރު ގޭންގްސްޓާ ފިލްމެއް ކަމަށްވާ “މުމްބާއީ ސާގާ” ގައެވެ. މި ފިލްމުގައި ރޯހިތުގެ އިތުރުން ޖޯން އަބްރަހަމް، އިމްރާން ހާޝްމީ އަދި ސުނިލް ޝެޓީމެން ފަދަ ތަރިން ވެސް ފެނިގެންދާނެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!