އަނޫޕަމާގެ ހިތް ފަޅައިގެން ގޮސްފި!

ސްޓާ ޕްލަސް އިން ދައްކާ ”އަނޫޕަމާ” ސީރީޒްއަކީ މިހާރު ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ ޝޯއެކެވެ.

ސީރީޒް އަމާޒްވަނީ އަނޫޕަމާ ނަމަކަށް ކިޔާ ގެވެހި އަންބެއްގެ ހަޔާތުގެ މައްޗަށެވެ. މިއީ ރާޖަން ޝާހީސް ޑައިރެކްޓަރޒް ކަޓް އިން އުފައްދާ ސީރީޒްއެކެވެ. އަނޫޕަމާ އަކީ އާއިލާދެކެ ލޯބިވާ ގެވެހި އަންބެއް ނަމަވެސް އޭނާގެ ފިރިމީހާއާއި އަންހެން ދަރިފުޅުގެ ފަރާތުން ނުސީދާކޮށް މަލާމާތާއި ފުރައްސާރަކުރިމަތިވެ އެކަމަށް ލަދުގަނެ، ދެރަވެ ހިންދިރުވައިލަމުންވެސް ލޯބިވާ ފިރިމީހާއާއި ދަރިފުޅުގެ ޙައްޤުގައި ގަދަކަމުން ހިނިތުންވެ އެމީހުންގެ ޚިދުމަތުގައި ފަސްނުޖެހޭކަން ދައްކުވައިދެއެވެ.

މި ސީރީޒްގެ ސްޓޯރީއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުންދާއިރު ޝޯގައި މިހާރު ވަނީ ބޮޑު ޓްވިސްޓެއް އައިސްފައެވެ. އެގޮތުން އަނޫޕަމާގެ ފިރިމީހާ ވަންރާޖް އާއި އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކާވްޔާގެ ގުޅުން ވަނީ އަނޫޕަމާއަށް ފަޅާއަރާފައެވެ.

ކައިވެނީގެ އެނިވާސަރީ ފާހަގަކުރުމުގެ ގޮތުން އޮތް ޕާޓީއަށްފަހު ކޮޓަރިއަށް ވަންނަން ދިޔަ އިރު އެދެމީހުން އެކުގައި ފެނި އަނޫޕަމާވަނީ ހޭނެތިގެން ވެއްޓިފައެވެ. ގޭގެ އެންމެންނަށް ވީނުވީ ނޭންގުނު ނަމަވެސް އޭނާގެ ގާތް އެކުވެރިޔާ ދޭވިކާއަށް ވަނީ އެ ކޮޓަރިން ކާވްޔާ ދުވެފައިދިޔަ މަންޒަރު ފެނިފައެވެ. ކުރިންވެސް އެދެމީހުންގެ ގުޅުމާމެދު ޝައްކުވެގެން އެވާހަކަ ދޭވިކާ ދެއްކި ނަމަވެސް އަނޫޕަމާ އޭނާގެ ފިރިމިހާ ވަނީ ދިފާއުކޮށްފައެވެ.