ގޯހަރްގެ މި ރީތި ހެދުމުގެ އަގު އެނގޭތަ؟

“ބިގް ބޮސް 14” ގެ މިދިޔަ ހަފްތާގެ “ވީކެންޑު ކާ ވާރު” އެޕިސޯޑުގައި ސީނިއާ ބައިވެރިޔާ ގޯހަރް ޚާން ލައިގެން އިން ހެދުމަށް ގިނަ ބަޔަކު ތަޢުރީފުކޮށްފައި ވަނިކޮށް ‘ބޮލީވުޑް ލައިފް’ މެގަޒިނުން އެ ހެދުމުގެ އަގު ހާމަކޮށްފިއެވެ.

ގޯހަރް ލައިގެން އިން ހެދުމަކީ ޑިޒައިނަރު ސީޕް މަހާޖަންގެ ސާޅީއެކެވެ. ވައިން ރެޑް ކުލައިގެ އެ ސާޅީގައި ކަޅު ކުލައިގެ ބޯޑަރެއް ހުރިއިރު، ގޯހަރްގެ ފޭނުން ބުނަނީ އެ ސާޅީ ގޯހަރާ ވަރަށް ގުޅޭ ކަމަށެވެ. އަދި އެންމެ ގިނަ މީހުންނަށް ކަމުގޮސްފައިވަނީ އެ ސާޅީގެ ކުލައެވެ.

‘ބޮލީވުޑް ލައިފް’ އިން ހާމަކުރާ ގޮތުގައި އެ ސާޅީގެ އަގު އުޅެނީ 38-45 ހާސް ރުޕީސް އެވެ. އަދި އެ އަގުގައި ރަނގަޅު ފޯނެއް ވެސް ގަނެވިދާނެ ކަމަށް އެ ނޫހުން ބުނެއެވެ.

“ބިގް ބޮސް” ގެ ބައިވެރިންނަކީ އާންމު ގޮތެއްގައި ވަރަށް އަގުބޮޑު ހެދުން ލާ ބައެކެވެ. ނަމަވެސް ގިނަ ފަހަރަށް އެމީހުންނަށް ލިބޭ ހެދުމަކީ ޑިޒައިނަރުން ހިލޭ ދޭ އެއްޗިއްސެވެ. ސަބަބަކީ، އެމީހުން އެގެއަށް ވަންނަ ހިސާބުން ލާ ހެދުމާއި، ކުރާ ކޮންމެ ކަމެއް ބެލުންތެރިންނަށް ފެންނާތީ، އެއީ ގިނަ ޑިޒައިނަރުން އެމީހުންގެ ޕްރޮޑަކްޓުތައް އިސްތިހާރުކުރަން ލިބޭނެ ފުރުސަތަކަށް ވާތީއެވެ. އެގޮތުން މިފަހަރުގެ އަނެއް އަންހެން ސީނިއާ ބައިވެރިޔާ ހިނާ ޚާން ވަނީ ބިގް ބޮސްގެ ގެއަށް ވަނުމުގެ ކުރިން 1000 އަށްވުރެ ގިނަ ހެދުން ހެޔޮވަރު ކޮށްފައި ކަމަށް އޭނާ ބުންޏެވެ.

ދެ ހަފްތާ ދުވަސް ބިގް ބޮސް ގޭގައި ހޭދަކުރުމަށްފަހު ތިން ސީނިއާ ބައިވެރިން (ހިނާ ޚާން، ގޯހަރް ޚާން އަދި ސިދާތު ޝުކްލާ) އެގެއިން ނުކުމެފައިވަނީ މި ހަފްތާގައެވެ.  

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!