ބިގް ބޮސް 14 ގެ ބައިވެރިންނަށް ލިބޭ މުސާރަ ހާމަވެއްޖެ!

ކަލާޒް ޗެނަލުން ކޮންމެ އަހަރަކު ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ މި އަހަރުގެ ސީޒަންގައި ބައިވެރިވެފައިވާ ތަރިންނަށް އެ ޝޯ އިން ލިބޭ ފައިސާގެ އަދަދު ހާމަވެއްޖެއެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގެ އެތެރޭގެ ހަބަރުތައް އާންމުންނާ ހަމައަށް ގެނެސްދޭ “ދަ ޚަބްރީ” އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، “ބިގް ބޮސް 14” ގެ ބައިވެރިން އެގޭތެރޭގައި ހޭދަކުރާ ކޮންމެ ހަފްތާއަކަށް ވަކި ވަރަކަށް ފައިސާގެ އަދަދު ކަނޑައެޅިފައިވެއެވެ. އެގޮތުން ކުރިން ވެސް ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ފަދައިން، އެންމެ ގިނަ އަދަދަކަށް ފައިސާ ލިބޭ ބައިވެރިއަކީ މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލައިކް އެވެ. ރުބީނާ ބިގް ބޮސްގެ ގޭގައި ހޭދަކުރާ ކޮންމެ ހަފްތާއަކަށް އޭނާއަށް 5 ލައްކަ ރުޕީސް (ގާތްގަނޑަކަށް 7000 ޑޮލަރު) ލިބޭނެއެވެ.

ދެވަނައަށް އެންމެ މަތިން މުސާރަ ލިބޭ ބައިވެރިއަކީ، ޓީވީ އެކްޓްރެސް ޖޭސްމިން ބާސިން އެވެ. ޖޭސްމިން އަށް ހަފްތާއަކު 3 ލައްކަ ރުޕީސް ލިބެއެވެ. އޭނާއާ ޖެހިގެން ދެން އެންމެ މަތިން ފައިސާ ހުށަހެޅީ، ފުރަތަމަ ހަފްތާގައި ކަޓައިގެން ދިޔަ ސާރާ ގުރްޕަލް އަށެވެ. ސާރާ އެގޭގައި ހޭދަކުރި އެއް ހަފްތާއަށް އޭނާއަށް ލިބުނީ 2 ލައްކަ ރުޕީސް އެވެ. ސާރާއާ އެކުއެކީ ޓީވީ އެކްޓަރު ނިޝާންތު މަލްކާނީއަށް ވެސް ހުށަހަޅާފައިވަނީ ހަފްތާއަކު 2 ލައްކަ ރުޕީސް އެވެ. ނިޝާންތަކީ މި ސީޒަންގެ ފުރަތަމަ ކެޕްޓަން ކަން ވެސް ފާހަގަކޮށްލެވެއެވެ.

ޓީވީ އެކްޓަރު އޭޖާޒް ޚާނަށް ހަފްތާއަކު 1.8 ލައްކަ ލިބޭއިރު، އެކްޓްރެސް ޕަވިތުރަ ޕޫނިއާއަށާއި ރުބީނާގެ ފިރިމީހާ އަބިނަވް ޝުކްލާއަށް ލިބެނީ 1.5 ލައްކަ ރުޕީސް އެވެ. ސައުތު އެކްޓްރެސް ނިކީ ތަމްބޯލީއަށް ލިބެނީ 1.2 ލައްކައެވެ. އަދި ލަވަކިޔުންތެރިޔާ ރާހުލް ވައިދްޔާއަށް ހުށަހަޅާފައިވާ އަގަކީ ހަފްތާއަކަށް 1 ލައްކަ ރުޕީސް ކަމަށް ‘ދަ ޚަބްރީ’ އިން މައުލޫމާތު ދެއެވެ.

ލައްކައަކަށްވުރެ ދަށުން ލިބޭ ދެ ބައިވެރިންނަކީ މަޝްހޫރު ލަވަކިޔުންތެރިޔާ ކުމާރް ސާނޫގެ ދަރި ޖާން ކުމާރް ސާނޫ އާއި އެންމެފަހުން ކަޓައިގެން ދިޔަ ބައިވެރިޔާ ޝެހްޒާދް ޑިއޯލް އެވެ. އެއީ ޖާން އަށް 80،000 ރުޕީސް އަދި ޝެހެޒާދަށް 50،000 އެވެ.

މީގެކުރިން އެހެން ނޫހަކުން ލިޔެފައިވާ ގޮތުގައި، ސީނިއާ ބައިވެރިންގެ ތެރެއިން އެންމެ މަތީ އަދަދެއް ހުށަހަޅާފައިވަނީ ހިނާ ޚާން އަށެވެ. ނަމަވެސް ‘ދަ ޚަބްރީ’ އިން ބުނާގޮތުގައި، ހަގީގަތުގައި އެންމެ މަތިން މުސާރަ ލިބުނީ މިދިޔަ ސީޒަންގެ އެއްވަނަ ސިދާތު ޝުކްލާ އަށެވެ. އެއީ އޭނާ އެގޭގައި ހޭދަކުރި ދެހަފްތާއަށް 32 ލައްކަ ރުޕީސް (43،000 ޑޮލަރު) އެވެ. ދެވަނައަށް އެންމެ މަތިން (25 ލައްކަ ރުޕީސް) ހިނާ އަށެވެ. އަދި އެންމެ މަދުން ފައިސާ (20 ލައްކަ ރުޕީސް) ލިބުނީ ސީޒަން 7 ގެ އެއްވަނަ ގޯހަރް ޚާނަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!