ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ނިންމައި އަންނަމަހު 8 ގައި ސަރުކާރާއި ހަވާލުކުރާނަން: އެމްޓީސީސީ

ހއ.ހޯރަފުށީ އެއަރޕޯޓްގެ ޢަމަލީ މަސައްކަތް މުޅިންނިންމައި އަންނަ މަހުގެ 8ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރާ ޙަވާލުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ވިދާޅުވެއްޖެއެވެ.

ހޯރަފުށީ އެއަރޕޯޓް މަޝްރޫޢުގެ އެންމެފަހުގެ މަސައްކަތްތައް ބައްލަވާލެއްވުމަށް އެމްޓީސީސީގެ ސީއީއޯ ޢާދަމް އާޒިމްއާއި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންވަނީ ހޯރަފުއްޓަށް ޒިޔާރަތްކުރައްވާފައެވެ. އެއަރޕޯޓްގެ މަސައްކަތްތަކުގެ ތަފްސީލް ޕީއެސްއެމް ނިއުސްއާ ޙިއްސާކުރައްވަމުން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ ޢާދަމް އާޒިމް ވިދާޅުވީ ރަންވޭއާއި ފްލައިޓް ޕާކިން އޭރިއާ(އޭޕްރަން)ގެ ހުރިހާ މަސައްކަތްތަކެއްހެން މިހާރު ނިމިފައިވާކަމަށެވެ. މިހާރު ކުރިއަށްދަނީ ޓަރމިނަލާއި ފަޔަރ ބިލްޑިންގެ މަސައްކަތްތައްކަމަށް އޭނާ ވިދާޅުވިއެވެ.

“8 ނޮވެމްބަރުގެ ކުރިއަށް އުމްރާނީ ހުރިހާ މަސައްކަތެއްނިންމައި ސަރުކާރާ ހަވާލުކުރަން މި މަސައްކަތްކުރަނީ. އޭރުން 11 ނޮވެމްބަރުގައި ސަރުކާރުގެ ލަނޑުދަނޑިއާއި އެއްގޮތަށް ޚިދުމަތް ފެށޭނެ. މިއީ އެއްވެސް ހުއްޓުމެއް ނައިސް އެމްޓީސީސީއަށް މަސައްކަތްތައް ކުރިއަށް ގެންދެވޭ ފުރަތަމަ އެއަރޕޯޓް.” އާދަމް އާޒިމް ވިދާޅުވިއެވެ.

ހޯރަފުށި އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް ތަރައްގީ ކުރާނެ އެވެ. މި އެއާޕޯޓު ތަރައްގީ ކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި 842،200 ކިއުބިކް މީޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ.

މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސެއް ވެސް މި މަޝްރޫއުގެ ދަށުން ހަދާނެ އެވެ.މި މަޝްރޫއަށް 198 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް އެމްޓީސީސީން ލަފާ ކުރެ އެވެ.

އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިން ގާއިމުކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓްމަހު ސޮއި ކޮށްފައިވާއިރު މި މަސައްކަތް ނިންމަން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީއަށް 80 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!