ނޭހާގެ ކައިވެންޏާމެދު އަދިތިޔާ ސުވާލު އުފައްދައިފި

މި މަހު ކައިވެނި ކުރަން އުޅޭކަމަށް އަޑު އަރާފައިވާ އިންޑިއާގެ މަޝްހޫރު އަންހެން ލަވަކިޔުންތެރިޔާ ނޭހާ ކައްކަރުގެ ކައިވެންޏާ ބެހޭގޮތުން އޭނާގެ ގާތް އެކުވެރިޔަ، ލަވަކިޔުންތެރިޔާ/ޓީވީ ހޯސްޓު އަދިތިޔާ ނާރާޔަން ސުވާލު އުފައްދައިފިއެވެ.

ނޭހާއާއި ރޯހަންޕްރީތު ސިންގް ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް ފެތުރެން ފަށާފައިވަނީ ދާދި ފަހުން އެމީހުން އެކުގައި ކިޔާފައިވާ ލަވަ “ނޭހު ދާ ވިއާ” އާ ގުޅިގެންނެވެ. އެކަމާ ބެހޭގޮތުން ‘ބޮލީވުޑް ހަންގާމާ’ އަށް ދިން އިންޓަވިއުއެއްގައި ނޭހާގެ އެކުވެރި އަދިތިޔާ ބުނި ގޮތުގައި، އެއީ ޙަޤީޤަތެއް ކަން އަދިވެސް ޔަޤީނެއް ނޫނެވެ. “އޭނަ ހަމަ އަސްލަށްވެސް ކައިވެނި ކުރަނީތަ؟ އަހަންނަކަށް އެބުނާ ވެޑިންގ އަށް ދައުވަތެއް ނުލިބޭ އަދިވެސް”.

ހަމައެހެންމެ، ނޭހާއާއި ރޯހަންޕްރީތު ދިމާވީ މީގެ ދެތިން ހަފްތާ ކުރިން ލަވައެއްގެ ވީޑިއޯ ކުޅެން ކަމަށާއި، ރައްޓެހިވެގެން އުޅޭތާ މަސްދުވަސް ވެސް ނުވަނީސް ދެމީހަކު ކައިވެނި ކޮށްފާނެތޯ އަދިތިޔާ ސުވާލު އުފައްދާފައިވެއެވެ. “ނޭހާއަކީ ނުވިސްނޭ ފުރާވަރުގެ ކުއްޖެއް ނޫން”، އަދިތިޔާ ފާހަގަކުރިއެވެ.

މީގެ އިތުރުން އަދިތިޔާ ބުނީ އެ ކައިވެނީގެ ޚަބަރުތައް ޚުދު ނޭހާ ނުވަތަ ރޯހަންޕްރީތު މިހާތަނަށް ކަށަވަރު ކޮށްދީފައި ނުވާތީ، އެއީ އަސްލެއް ކަމާމެދު ޝައްކު އުފެދެއެވެ. “އަހަރެން އުއްމީދު ކުރަން އެއީ ހަގީގަތެއް ކަމަށް. އެހެން ނޫނީ މީޑިއާތަކުން އެވަރަށް އެވާހަކަ ދައްކާއިރު އެކަން އިންކާރުވެސް ކުރީސް ތާ އެމީހުން”.

ކޮންމެއަކަސް، ނޭހާ ވަނީ އިއްޔެ އިންސްޓަގްރާމްގައި ކައިވެނި ހަފްލާގެ ކުރިން އޮންނަ ހަފްލާއެއް ކަމަށްވާ “ރޯކާ ސެރެމޮނީ” ގެ ވީޑިއޯއެއް ހިއްސާކޮށްފައެވެ. އެ ވިޑިއޯގައި ނޭހާއާއި ރޯހަންޕްރީތު ނަށާފައި އުޅޭ މަންޒަރު ފެނެއެވެ. އަދި އެދެމީހުންގެ ކައިވެނި ހަފްލާގެ ދައުވަތު ކާޑު ކަމަށް ބެލެވޭ ކާޑެއްގެ ފޮޓޯވެސް އިއްޔެ މީސްމީޑިއާގައި ދައުރުވެފައި ވެއެވެ. އެ ކާޑުގައި ޖަހާފައިވާ ގޮތުން، ކައިވެނި އޮންނާނީ މި މަހު 26 ގައި، ޕަންޖާބުގެ ޒިކްރާޕޫރުގައެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، ނޭހާ ކައިވެނިކުރަން އުޅޭކަމުގެ ޚަބަރު ފެތުރުނުތާ މާ ގިނަ ދުވަސްތަކެއް ނުވަނީސް އަދިތިޔާ ވެސް އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޝްވެތާ އަގަރްވާލް އާ ކައިވެނިކުރަން އުޅޭކަމަށް އިއުލާނުކޮށްފައި ވެއެވެ. އެގޮތުން އަދިތިޔާގެ ކައިވެނި އޮންނާނީ މި އަހަރުގެ ޑިސެމްބަރުގައި ކަމަށް ވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!