ބިޑް ކޮމެޓީއަށް ސިޔާސީ މީހުން ނުލާން ނިންމައިފި

ސަރުކާރު އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމެޓީ ތަކަށް ސިޔާސީ މީހުން އައްޔަން ނުކުރަން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައިވާ ގޮތުން، އޮފީސްތަކުގައި ގާއިމްކުރާ ބިޑް ކޮމިޓީ ތަކަށް ސިޔާސީ ގޮތުން އައްޔަނުކުރެވޭ ބޭފުޅުންނާއި އިންތިހާބީ މަގާމުތަކުގައި ތިއްބަވާ ފަރާތްތައް އައްޔަނު ނުކުރެވޭނެ ކަމަށް ޕްރޮކިއުމަންޓް ޕޮލިސީ ބޯޑުން ނިންމާފައިވާ ކަމަށެވެ.

މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާގައި ބުނެފައި ވަނީ ދައުލަތުގެ އޮފީސްތަކުގެ ޕްރޮކިޔުމެންޓް މަސައްކަތުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑް ކޮމެޓީތަކުން ހުއްދަ ދޭން ޖެހޭ ޕްރޮކިޔުމެންޓް މަސައްކަތް ކުރުމަށް ކޮންމެ އޮފީހެއްގައި ވެސް ބިޑް ކޮމެޓީ އެއް އޮންނަން ޖެހޭނެ ކަމަށެވެ.

ބިޑް ކޮމިޓީ އުފައްދާ، އެ ކޮމިޓީ އައްޔަނު ކުރަން ޖެހެނީ އެ އޮފީހެއްގެ އެންމެ އިސްވެރިޔާގެ މަތިން މިނިސްޓަރެވެ. އައްޔަނު ކުރާ މީހުންނަކީ ފަންނީ ހުނަރާއި، މައުލޫމާތާއި ތަޖުރިބާ ހުރި މީހުންނަށް ވާން ޖެހެ އެވެ.

އޭގެ އިތުރުން އެ އޮފީހެއްގެ ޕްރޮކިޔުމެންޓް ޔުނިޓުތަކުގެ ނުވަތަ ޕްރޮކިޔުމެންޓުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ސެކްޝަނުގެ އެއްވެސް މުވައްޒަފަކު ބިޑް ކޮމެޓީގައި ހިމެނިގެން ނުވާނެ ކަމަށް ވެސް މާލިއްޔަތު ގަވާއިދުގައި ބުނެ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!