ޓޯނީ ބްލެއަރ އަށްކަރަންޓީނުގެ އުސޫލުތަކާ ޚިލާފުވިކަމުގެ ތުހުމަތު

ކަރަންޓީނުގެ އުސޫލުތަކާ ޚިލާފުވިކަމުގެ ތުހުމަތުތައް އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލެއަރ އަށް އަމާޒުވެއްޖެއެވެ.
މިދިޔަ މަހުގެ ފަހުކޮޅު ޓޯނީ ބްލެއަރ ވަނީ އެމެރިކާއަށް ދެ ދުވަހުގެ ދަތުރުފުޅެއް ކުރައްވާފައެވެ.

އިނގިރޭސިވިލާތުގައި ކޯވިޑާއިި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން ޤައުމުން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް ދެ ހަފުތާގެ މުއްދަތަށް އަމިއްލައަށް އެކަހެރިވާންޖެހެއެވެ.

ވައިޓުހައުސްގެ ޚާއްޞަ ދައުވަތަކަށް ބްލެއަރ އެމެރިކާއަށް ދަތުރު ކުރެއްވީ ބަހުރައިނާއި ޔޫއޭއީއިން އިސްރާއިލާއެކު ގުޅުން ބަދަހިކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ. ބްލެއަރ އަށް ދަޢުވަތު ލިބިފައިވަނީ އެ އެއްބަސްވުމާއި ހަމައަށް ވާސިލްވުމަށް އޭނާ ޢަދާކުރެއްވި ދައުރުގެ ސަބަބުންކަމަށް ބްލެއަރގެ ތަރުޖަމާނަކު ވިދާޅުވިއެވެ. އެހެންކަމުން އެ ދަތުރުކޮށްފައިވަނީ “ޚަރިޖީ ކޮންފަރެންސް”އެއްގައި ބައިވެރިވުމުގެ ގޮތުންކަމަށް އެ ފަރާތުންވަނީ ސިފަކޮށްފައެވެ.

ބްލެއަރގެ ފަރާތުން އެއްވެސް މީހަކަށް ނުރައްކަލެއް ނެތްކަމަށާއި އިނގިރޭސިވިލާތުން އެމެރިކާއަށް ފުރުމުގެ ކުރިންނާއި، ވައިޓު ހައުސަށް ވަޑައިގެންފައިވެސް އަދި އެނބުރި އިނގިރޭސިވިލާތަށް ވަޑައިގެންވެސް އެތައް ފަހަރަކު ކޯވިޑް-19އަށް ތަހުލީލުކޮށްފައިވާކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ނޫހެއްކަމަށްވާ ސަންޑޭ ޓެލެގުރާފުގައި ބުނީ އިނގިރޭސިވިލާތުގެ ވެސްޓްމިންސްޓާގައި އޮންނަ ވައިޓުހޯލުގެ ރަސްމީ ފަރާތްތަކަށް އެމެރިކާއިން އެނބުރިވަޑައިގަތުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ އުސޫލުތަކުން އިސްތިސްނާވުމަށް ބްލެއަރ އެދިވަޑައިގެންފައިވާކަމަށެވެ. ނަމަވެސް އެފަދަ ޙުއްދައެއް ދީފައިވާކަމުގެ ރަސްމީ ލިޔުމެއް ބްލެއަރ އަށް ދޫކޮށްފައެއް ނުވެއެވެ.

ކޯވިޑް-19އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި ޚިލާފުވެފައިވާކަމުގެ ތުހުމަތު މީގެ ކުރިންވެސް އިނގިރޭސިވިލާތުގެ އިސް ފަރާތްތަކަށްވަނީ ރައްދުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!