ލަންޑަންގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރުމުން މުޒާހަރާކުރަނީ

އިނގިރޭސިވިލާތުގެ ލަންޑަނުގައި ކޯވިޑް-19 ފެތުރޭތީ އެ ސިޓީގެ ސަމާލުގެ މިންވަރު މަތިކުރުމުން އެކަމާއި ދެކޮޅަށް ގިނަ ޢަދަދެއްގެ މީހުން މުޒާހަރާކޮށްފިއެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 705،428 މީހުންނަށް ކޯވިޑް-19 ޖެހި 43،579ވަނީ މަރުވެފައެވެ. ބަލިފެތުރޭ މިންވަރު މަޑުޖެހުމަށްފަހު ފާއިތުވި ދުވަސްތަކުގައި އިނގިރޭސިވިލާތުގައި ބަލިފެތުރޭ މިންވަރުވަނީ އަނެއްކާވެސް އިތުރުވާން ފަށައިފައެވެ. ކޯވިޑް-19ގެ ދެވަނަ ރާޅެއް އިނގިރޭސިވިލާތުގައި ފެތުރެން ފެށުމުން އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ބަލި ބޮޑަށް ފެތުރެމުންދާ ސަރަޙައްދުތަކުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައެވެ. އެގޮތަށް ޢަމަލުކުރުމުން ބަލީގެ ސަބަބުން ޙާލަތު ގޯސްވެފައިނުވާ ސަރަޙައްދުތައް ހުޅުވާފައި ބެހެއްޓުމުގެ ފުރުޞަތު ލިބި އިޤްތިޞާދަށްކުރާ ނޭދެވޭ އަސަރު ކުޑަކުރެވޭނެކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.

އަލަށް އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އޮކްޓޯބަރު މަހުގެ 18ވަނަ ދުވަހު ލަންޑަންގެ ސަމާލުގެ މިންވަރުވަނީ ‘ހައި ރިސްކް’އަށް ބަދަލުކޮށްފައެވެ. އެއީ ދެވަނައަށް އެންމެ މަތީ ސަމާލުގެ މިންވަރެވެ. އޭގެ ދަށުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި އަމިއްލަ ގޭގައި ދިރިއުޅޭ މީހުން ފިޔަވައި އެހެން މީހުންނާ އެތެރޭގެ މާހައުލުތަކުން ބައްދަލުކުރުން މަނާވާނެއެވެ. އަދި ބޭރުތެރޭގައި ހަ މީހުންނަށްވުރެ ގިނަ މީހުން އެއްފަހަރާ ބައްދަލުކުރުންވެސް މަނާވާނެއެވެ. ނަމަވެސް ފިޔަވަޅުތަކާއި ދެކޮޅާށް މުޒާހަރާކުރުމަށް ގިނަ ޢަދަދެއްގެ މީހުން މަގުތަކަށް ނުކުތުމުން އެ ގަވާއިދު ފުލުހުން ތަންފީޒުކޮށްފައެއް ނުވެއެވެ.

ދުނިޔޭގެ އެންމެ ހަލަބޮލި އެއް މަގުކަމުގައިވާ އޮކްސްފޯޑު ސްޓްރީޓުގައި މުޒާހަރާކުރަމުންދިޔަ އެތައް ހާސް މީހުން ބުނަމުން ދިޔައީ ފިޔަވަޅުތައް އިތުރަށް ހަރުކަށިކުރުމަކީ ޙާލަތާ ނުބައްދަލު ނިންމުމެއްކަމަށާއި އިންސާނީ ހައްޤުތަކުން ރައްޔިތުން މަހުރޫމު ކުރާ ނިންމުމެއް ކަމަށެވެ. ބައެއް މީހުންވަނީ މާސްކު ބޭނުންކުރުމާއި ވެކްސިން ދިނުމާއި ދެކޮޅަށްވެސް އަޑުއުފުލާފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!