ޕާމް ބީޗު ވިއްކާލަން އަނެއްކާވެސް އިއުލާނުކޮށްފި

ޅ. މަދިރިގުރައިދޫގައި ހިންގަމުން އަންނަ ހަތަރު ތަރީގެ ޕާމް ބީޗް ރިސޯޓް ނީލަމުގައި ވިއްކާލަން އަނެއްކާ ވެސް އިއުލާން ކޮށްފި އެވެ.

މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ ހުށަހެޅުންތަކެއް ނުލިބިގެން އަނެއްކާ ވެސް އެ ރިސޯޓް ވިއްކާލަން އިއުލާން ކޮށްފައި ވަނީ މިދިއަ ބުރާސްފަތި ދުވަހެވެ.

އިބްރާހިމް އަލިމަނިކުގެ ނަމުގައިވާ ޕާމް ބީޗް ރިސޯޓް، އެސްބީއައިއިން ނީލަމުގައި ވިއްކާލަނީ މޮނާޒާ ކޮންސްޓްރަކްޝަން އާއި ގާޑިއަން އޭޖެންސީ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކުން އެ ރިސޯޓް ރަހުނުކޮށް އެ ބޭންކުން ނަގާފައިވާ ލޯނަކަށް ފައިސާ ނުދައްކައިގެނެވެ. އެ ރިސޯޓް ނީލަމުގައި ވިއްކާލައިގެން ލޯނަށް ނުދައްކާ ހުރި ފައިސާ ހޯދަން ސިވިލް ކޯޓުން، ޖުލައި 22، 2018 ގައި ހުކުމް ކޮށްފައިވެ އެވެ.

އެ ރިސޯޓު ނީލަމުގައި ވިއްކާލަން އެސްބީއައި އިން އެންމެ ފުރަތަމަ އިއުލާނުކުރީ 26 މިލިއަން ޑޮލަރު، 400.9 މިލިއަން ރުފިޔާ އަށެވެ. ނަމަވެސް، ގަންނާނެ ފަރާތެއް ނުލިބިގެން، އަގު ދަށްކުރަމުން އައިސް މިހާރު ވިއްކާލަން ހުށަހަޅާފައިވާ އެންމެ ކުޑަ އަގަކީ 15.3 މިލިއަން އެމެރިކާ ޑޮލަރު، 235.9 މިލިއަން ރުފިޔާ އެވެ.

އެސްބީއައިން ބުނީ ނީލަން ކާމިޔާބުކުރާ ފަރާތަކުން 15 ދުވަހުގެ ތެރޭގައި އެއް މިލިއަން ޑޮލަރު ބެންކަށް ދައްކަންޖެހޭނެ ކަމަށެވެ. ބާކީ ފައިސާ 60 ދުވަސް ތެރޭގައި ދައްކާ ހަލާސް ކުރަން ޖެހޭކަމަށް ވެސް އެ ބޭންކުން ބުންޏެވެ.

ޕާމް ބީޗު ރިސޯޓު ވިއްކާލަން މަސައްކަތް ކުރަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ދެ ފަރާތުން ކޯޓުން ބޭރުގައި ވާހަކަ ދެކެވި، މިހާރު ދައްކަންޖެހޭ އަދަދަކީ 5.5 މިލިއަން އެމެރިކާ ޑޮލަރު ކަމަށް އެއްބަސްވެ، އެކަން ލިޔުމަށް ވެސް ތިރިކުރެވިފައިވާވަނިކޮށް ކަމަށް އެ ރިސޯޓުން ވަނީ ތުހުމަތުކޮށްފަ އެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!