ސާރާ ލައިގެން ހުރި ހެދުމަކަށް މަލާމާތް ކުރަނީ

ބޮލީވުޑްގެ ޒުވާން ބަތަލާ ސާރާ އަލީ ޚާން ފަހަކަށް އައިސް ފާހަގަކުރެވެނީ ގިނަ ބައެއްގެ ފުރަސާރައާއި ނަފްރަތު ލިބެމުންދާ ތަރިއެއްގެ ގޮތުގައެވެ. ޖޫންމަހު ދަންޖެހިގެން މަރުވި އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތާ ލޯބީގެ ގުޅުމެއް ކުރިން އޮތްކަމަށްބުނެ އަޑު އެރިތާ މާ ގިނަ ދުވަހެއް ނުވަނީސް، އެ މަރުގެ ތަހުގީގާ ގުޅުންހުރި މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ސާރާ ތަހުގީގަށް ހާޒިރުކޮށް ސުވާލު ކުރެވުމުން، އޭނާއޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަތައް ދައްކައި، ފުރައްސާރަ ކުރެވެމުންދިޔައެވެ.

މިފަހަރު ސާރާއަށް ފާޑުކިޔުން އަމާޒުވެފައި މިވަނީ ކުރީގެ އިންސްޓަގްރާމް ފޮޓޯއަކާ ގުޅިގެންނެވެ. މީގެ އެއް އަހަރު ކުރީގެ ފޮޓޯއެއް އިންސްޓަގްރާމުން “ކޮނެ” ނަގައިގެން، ސާރާދެކެ ނަފްރަތުކުރާ މީހުން އަންނަނީ އޭނާއަށް ޖޯކު ޖަހަމުންނެވެ. ސަބަބަކީ އެ ފޮޓޯގައި ސާރާ ލައިގެން ހުރި ހެދުމެވެ.

މެގަޒިނަކަށް ޝޫޓު ކޮށްފައިވާ އެ ފޮޓޯތަކުގައި ސާރާ ލައިގެން ހުރީ ރަތާއި އޮރެންޖުގެ ރަފްލްޑް ސާޅީއެކެވެ. އެއީ ޑިޒައިނަރުން ކަމަށްވާ އަބޫ ޖާނީ އާއި ސަންދީޕް ކޯސްލާގެ “ކޭންޑީ” ކަލެކްޝަނުގެ ސާޅީއެކެވެ. އެއަށް ޖޯކު ޖަހަމުންދާ މީހުން ބުނަމުން އަންނަނީ ސާރާ ލައިގެން ހުރި ސާޅީ ވައްތަރީ ފަންސުރު ތުނޑުޖެހުމުން ހުންނަ ތޮށިތަކާއެވެ.

ކޮންމެއަކަސް ސާރާ، 25، އެ ފާޑުކިޔުންތަކަށް ރައްދު ދީފައެއް ނުވެއެވެ.