ސުހާނާ ލައިގެން މި އިނީ މަންމަ ގޯރީގެ ހެދުމެއް

ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާނާއި އޭނާގެ އަންހެނުން ޕްރޮޑިއުސަރު އަދި ޑިޒައިނަރު ގޯރީ ޚާނަށް ލިބިފައިވާ އަންހެން ދަރިފުޅު ސުހާނާ ޚާނަކީ ފެޝަނަށް ވަރަށް ލޯބިކުރާ ކުއްޖެއްކަން އޭނާގެ އިންސްޓަގްރާމް ފީޑު ހާވައިލުމުން އެނގޭނެއެވެ. އަބަދުވެސް އެންމެ ފަހުގެ ޓްރެންޑުތަކާ އެއްގޮތަށް ހެދުން އަޅާ ސުހާނާ އެންމެފަހުން ހިއްސާކުރި ފޮޓޯގައި ފެންނަނީ އާންމުކޮށް ލައި ނޫޅޭ ވައްތަރުގެ ހެދުމެއް ލައިގެން އިންތަނެވެ.

ޓީލް ކުލައިގެ އަތްދިގު ހެދުން ލައިގެން ނަގާފައިވާ ފޮޓޯއަށް ތިން ލައްކައަށްވުރެ ގިނަ ލައިކު ލިބިފައި ވަނިކޮށް ސުހާނާ މިވަނީ ސިއްރެއް ހާމަކޮށްފައެވެ. އެ ސިއްރަކީ ސުހާނާ އެ ފޮޓޯގައި ލައިގެން އިނީ އަސްލު އޭނާގެ ހެދުމެއް ނޫން ކަމެވެ.

އެކުވެރިއަކަށް ސުހާނާގެ ހެދުން ކަމުގޮސްގެން އެ ހެދުން ބޭނުންވާކަމަށް ބުނެ ކުރި ކޮމެންޓަށް ރައްދުދެމުން ސުހާނާ، 20، ބުނީ އެއީ އޭނާގެ މަންމަގެ ހެދުމެއް ކަމަށެވެ. މީގެން އެނގިގެންދަނީ ސުހާނާއާއި މަންމަ ގޯރީ އާ ދެމެދު އޮންނަ ގުޅުމުގެ ވަރުގަދަ ކަމެވެ. އަދި ދެމައިންނަކީ ވެސް ފެޝަނަށް ނުހަނު ލޯބިކުރާ ބައެއްކަން ހާމަވެއެވެ.

ސުހާނާ އެންމެފަހުން މީޑިއާގެ ސަމާލުކަމަށް އައިސްފައިވަނީ، ހަމުގެ ކުލައަށް ބަލާފައި ކުރާ ތަފާތުކުރުންތައް ހުއްޓުމަކަށް އަންނަންޖެހޭ ކަމަށްބުނެ އިންސްޓަގްރާމުގައި ލިޔުނު ވަރުގަދަ ޕޯސްޓުންނެވެ. އޭގައި އޭނާ ވަނީ، ހަމުގެ ކުލަ އަނދިރިވުމުގެ ސަބަބުން މީހުންގެ ފަރާތުން ކުރިމަތިވެފައިވާ ފުރައްސާރައާއި މަލާމާތް ހިއްސާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!