ބޮލީވުޑްގެ ޒުވާން ބަތަލާ ޖާންވީ ކަޕޫރް ދުވަސްކޮޅަކަށްފަހު އިންސްޓަގްރާމްގައި ހިއްސާކުރި އޭނާގެ ފޮޓޯއަކަށް ފޭނުންގެ ސަމާލުކަން ލިބިއްޖެއެވެ.
ޖާންވީ، 23، މިއަދު ހިއްސާކުރި ދެ ފޮޓޯއިން ފެންނަނީ އޭނާގެ މޫނަށް އިރުގެ އަލި އެޅިފައިވާ ތަނެވެ. ނުވަތަ މިހާރުގެ ކުދިން މީސްމީޑީއާގައި ހިއްސާކުރާ ފޮޓޯތަކުގައި އާންމުކޮށް ޖަހައި އުޅޭގޮތުން ނަމަ، “ސަން-ކިސްޑް” ފޮޓޯތަކެކެވެ.
ޖާންވީގެ ފޮޓޯއަށް ކޮމެންޓުކުރި ގިނަ ބަޔަކު ވަނީ އޭނާގެ ރީތިކަން ފާހަގަކޮށްފައެވެ. އަދި އިރުގެ އައްޔާއެކު ފެންނައިރު، މޫނުގެ ހަންގަނޑު އިންތިހާއަށް އޮމާންކޮށް ފެންނާތީ، ޖާންވީ މޫނުގައި އުނގުޅަނީ ކޯއްޗެއްތޯ ވެސް އެއްބަޔަކު ސުވާލުކޮށްފައިވެއެވެ.
ތިން ލައްކައަށްވުރެ ގިނަ ލައިކު ލިބިފައިވާ މި ފޮޓޯގައި ޖާންވީ ހުރީ ރޯސް ގޯލްޑް މޭކަޕެއް ކޮށްގެންނެވެ. އަދި ލައިގެން ހުރި ހެދުމަށް ބަލާއިރު، ކަޅުކުލައިގެ ޖެކެޓަކާއެކު އެތެރެއިން ލައިފައި ވަނީ ހުދު ކުލައިގެ ފްރިންޖް ޓޮޕެކެވެ. ޖާންވީ އަކީ އަބަދުވެސް ވަރަށް ސްޓައިލިޝް ބަތަލާއެއްކަން މި ފޮޓޯތަކުން އެކަނިވެސް އެނގެއެވެ.