ހާސްނުވޭ، ތާރާ ކައިވެނި ކުރާކަށް ނޫޅޭ!

ޒުވާން ގިނަ ފިރިހެންކުދިންނެއްގެ ހިތުން ޖާގާ ހޯދާފައިވާ ބޮލީވުޑް ބަތަލާ ތާރާ ސުތާރިއާ ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް އަރާފައިވަނިކޮށް، ތާރާގެ ލޯބިވެރިޔާ އާދަރް ޖެއިންގެ ސްޕޯކްސްޕާސަން އެ ޚަބަރުތައް ދޮގުކޮށްފިއެވެ.

ބޮލީވުޑްގެ ނުފޫޒުގަދަ ކަޕޫރު އާއިލާއަށް ނިސްބަތްވާ އެކްޓަރު އާދަރާއި ތާރާ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވެފައިވަނިކޮށް، އެދެތަރިން އިންނަން އުޅޭކަމަށް ފަހަކަށް އައިސް މީޑިއާތަކުން ޚަބަރު ފަތުރަމުންދާތީ އެކަމާ ބެހޭގޮތުން ނޫހަކުން ކުރި ސުވާލަށް ޖަވާބުދެމުން އާދަރްގެ ސްޕޯކްސްޕާސަން ބުނީ އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އާއިލާއެއް ފެއްޓުމަށްވުރެ އާދަރް މިވަގުތު އިސްކަން ދެނީ އޭނާގެ ކެރިއަރު ކުރިއެރުވުމަށް ކަމަށް ބުންޏެވެ. އެގޮތުން އޭނާގެ ކުރިއަށް އޮތް ފިލްމު “ހެލޯ ޗާލީ” ގެ މަސައްކަތުގައި މިހާރުވެސް އުޅެނީ ވަރަށް ބުރަކޮށް ކަމަށް ސްޕޯކްސްޕާސަން ބުންޏެވެ.

ތާރާ އާއި އާދަރް

މިދިޔަ އަހަރު ނުކުތް “ސްޓޫޑަންޓް އޮފް ދަ އިޔާ 2” އިން ގިނަ ބައެއްގެ ސަމާލުކަން އަތުލި ތާރާ ވެސް މިވަގުތު އުޅެނީ ކުރިއަށްހުރި ފިލްމުތަކުގެ މަސައްކަތްތަކުގައެވެ. އެގޮތުން “އޭކް ވިލަން 2” އާއި “ތަޅަޕް” އިން ތާރާ ވަރަށް އަވަހަށް ފެންނާނެއެވެ. އަދި ތާރާއަކީ ބޮލީވުޑަށް އަލަށް ތަޢާރަފްވި ބަތަލާއެއް ކަމުން، އޭނާ އެހާ އަވަހަށް ކައިވެނި ކުރާނެ ކަމަކަށް ނުބެލެވެއެވެ.

ތާރާއާއި އާދަރް، ބޭރަށް ނުކުމެ އެކުގައި ވަގުތު ހޭދަކުރާ ފޮޓޯތައް ވަރަށް ގިނައިން ފެނެއެވެ. އަދި ތާރާ ވަނީ މި އަހަރު ކުރީކޮޅު އޮތް އާދަރްގެ ބޭބެ އަރްމާންގެ ކައިވެންޏަށް ވެސް ހާޒިރުވެފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!