އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިއަށް ރެކޯޑު ޢަދަދަކަށް މީހުން ވޯޓުލައިފި

ނޮވެމްބަރު މަހުގެ 3ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ކުރިއަށް ރެކޯޑު ޢަދަދަކަށް ޢާންމުން ވޯޓުލަމުންދާކަމަށް ގިނަ ސްޓޭޓުތަކުން ބުނެފިއެވެ.

ޔޫއެސް އިލެކްޝަން ޕްރޮޖެކްޓުން ބުނީ މިހާތަނަށް 22 މިލިއަން ރައްޔިތުން ރިޔާސީ އިންތިޚާބަށް ވޯޓުލާފައިވާކަމަށެވެ. 2016ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ތާރީޚުގެ ތިން ހަފުތާކުރިން ވޯޓުލާފައިވަނީ 6 މިލިއަން މީހުންނެވެ. ކަމާބެހޭ މާހިރުން ބުނީ މި އަހަރުގެ އިންތިޚާބަށް ދުރާލާ ވޯޓުލައި މީހުންގެ ޢަދަދު އިތުރުވެފައިވަނީ ކޯވިޑް-19ގެ ސަބަބުންކަމަށެވެ.

ބަލި ޖެހިފައިވާ 8.2 މިލިއަން މީހުންނާއެކު އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވާ ޤައުމުގެ ގޮތުގައި އޮތީ އެމެރިކާއެވެ. މި ޙާލަތުގައި ވޯޓުލާ ދުވަހު ވޯޓުލުމުގެ ބަދަލުގައި ޕޯސްޓު މެދުވެރިކޮށާއި އެނޫންވެސް ގޮތްގޮތަށް ވޯޓުލުމަށް ގިނަ ޢަދަދެއްގެ މީހުންދަނީ ނިންމަމުންނެވެ.

ޕޯސްޓު މެދުވެރިކޮށް ވޯޓުލުމަށް ޝަރުތުހަމަވާ ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ޓެކްސަސް ސްޓޭޓުގައި ދުރާލާ ވޯޓުލުމުގެ ފުރަތަމަ ދުވަހު ރެކޯޑު ޢަދަދަކަށްވަނީ ޢާންމުން ވޯޓު ލައިފައެވެ. ރަސްމީ ބަންދު ދުވަހެއްކަމަށްވާ ކޮލަމްބަސް ޑޭގައި 126،876 މީހުން ވޯޓުލާފައިވާކަމަށް ޖޯޖާއިންވެސްވަނީ ބުނެފައެވެ. އެއީވެސް އެ ސްޓޭޓުގެ ރެކޯޑު ޢަދަދެކެވެ.

ވޯޓުގެ ނަތީޖާއަށް އެންމެ މުހިންމު އެއް ސްޓޭޓުކަމުގައިވާ އޯހައިއޯގައި ޕޯސްޓު މެދުވެރިކޮށް ވޯޓުލުމަށް 2.3 މިލިއަން ވޯޓު ކަރުދާހަށްވަނީ އެދިފައެވެ. އެއީ 2016ވަނަ އަހަރު އެދިފައިވާ ޢަދަދަށްވުރެ ދެގުނަ އިތުރު ޢަދަދެކެވެ.

ދިރާސާތަކުން ދައްކާގޮތުގައި ވޯޓުލުމަށް ދަފްތަރުކޮށްފައިވާ ޑިމޮކްރަޓުން ވޯޓުލީ ޢަދަދު ދަފްތަރުކޮށްފައިވާ ރިޕަބްލިކުންގެ ޢަދަދަށްވުރެ ދެ ގުނަ އިތުރެވެ. ދުރާލާ ވޯޓުލާ ޑިމޮކްރަޓުންގެ ތެރޭގައި އެންމެ ގިނައީ އަންހެނުންނާއި ކަޅު ނަސްލަށް ނިސްބަތްވާ މީހުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!