ނިއުޒީލެންޑުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެ

ނިއުޒީލެންޑުގެ އާންމު އިންތިޚާބުގެ ވޯޓުލުން ފެށިއްޖެއެވެ. ނިއުޒީލެންޑުގައި އާންމު އިންތިޚާބުގެ ވޯޓުލުން ފެށިފައި މިވަނީ ކޯވިޑް-19ގެ ސަބަބުން އެއް މަސް ދުވަހަށް ވޯޓުލުން ފަސްކުރުމަށް ފަހުގައެވެ.

ނިއު ޒީލެންޑުގެ އާންމު އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ޖަސިންދާ އާޑެނާއި ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތު ކޮލިންސެވެ. ބޮޑުވަޒީރު އާޑެން އިތުރު ދަޢުރަކަށް ކުރިމަތިލައްވާފައިވަނީ ނިއުޒީލެންޑުގައި ކޯވިޑް-19 ފެތުރެން ފެށުމުން އެކަމަނާ އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އާންމުންގެ މެދުގައި މަޤުބޫލުކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. ނަމަވެސް ކޯވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ މައްސަލަތަކުން އަރައިގަތުމުގެ މަސައްކަތްކުރުމަށް އެންމެ އެކަށީގެންވާ ފަރާތަކީ އެކަމަނާ ނޫންކަމަށް ޖޫޑިތު ކޮލިންސް ދައުވާކުރައްވައެވެ.

ނިއުޒީލެންޑުގެ ގަޑިން ހެނދުނު 9 ޖެހިއިރު ވޯޓުލާ މަރުކަޒުތަކުގައި ވޯޓުލުން ފަށައިފައިވާ ނަމަވެސް ރެކޯޑު ޢަދަދެއްގެ ރައްޔިތުންވަނީ އޭގެ ކުރިން ވޯޓު ލައިފައެވެ. 5 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނިއުޒީލެންޑުގެ އިލެންޝަންސް ކޮމިޝަނުން ބުނީ މިހާތަނަށް ދެ މިލިއަނަށްވުރެ ގިނަ ވޯޓު ލާފައިވާކަމަށެވެ. އެއީ ވޯޓުލުމުގެ ހައްޤު ލިބިގެންވާ 3.5 މިލިއަން މީހުންގެ ދެބައި ކުޅަ އެއްބަޔަށްވުރެ ގިނަ ޢަދަދެކެވެ. ޤައުމުން ބޭރުގައިތިބި ނިއުޒީލެންޑުގެ ރައްޔިތުންނާއި ވޯޓުލާ ދާއިރާ ނޫން އެހެން ސަރަޙައްދުތަކުގައި ތިބި ރައްޔިތުން ލާ ވޯޓުގެ ނަތީޖާ އިޢުލާނުކުރާނީ ނޮވެމްބަރު މަހުގެ 6ވަނަ ދުވަހުގައެވެ.

ސަރުކާރެއް އެކުލަވާލުމަށް ޤާނޫނު ހަދާ މަޖިލީހުގެ 120 ގޮޑީގެ ތެރެއިން 61 ގޮނޑި ކާމިޔާބުކުރަންޖެހޭ ގޮތަށް ނިއުޒީލެންޑުގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށްފައިވަނީ 1996ވަނަ އަހަރުގައެވެ. އެއީ ވޯޓުގެ ގާތްގަނޑަކަށް 48 އިންސައްތައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!