ބޮލީވުޑުން ޖާގަ ލިބޭތޯ އުޅުމުން ރުބީނާއަށް ލިބުނީ ހިތްދަތިވާ ފަދަ ޖަވާބުތަކެއް!

މިވަގުތު “ބިގް ބޮސް 14” ގައި ބައިވެރިވެގެން އެގޭތެރޭގައި ހުރި މަޝްހޫރު ޓީވީ އެކްޓްރެސް ރުބީނާ ދިލައިކް އަކީ މީގެކުރިން ބޮލީވުޑުން ޖާގަ ލިބޭތޯ މަސައްކަތްކުރި ތަރިއެކެވެ.

އެގޮތުން ބިގް ބޮސްގެ ގެއަށް ވަނުމުގެ ކުރިން ރޭޑިއޯ އަކަށް ދިން އިންޓަވިއުއެއްގައި ރުބީނާ ވަނީ އޭނާއަށް ދިމާވި ދަތިތަކާއި ހުރަސްތައް ކިޔައިދީފައެވެ. 33 އަހަރުގެ ބަތަލާ ކިޔައިދިން ގޮތުގައި ބޮލީވުޑަށް ވަންނަން އުޅުމުން ބައެއް ޕްރޮޑިއުސަރުންގެ ފަރާތުން ފެނުނީ ތަފާތުކުރުން ކަމަށެވެ. އެއީ ޓީވީ އެކްޓަރަކަށްވުމުން ކަމަށްވެސް ރުބީނާ ބުންޏެވެ.

“އެމީހުން އަހަނީ ޓީވީ އެކްޓަރެއް ދޯ އޭ، ކޮން ޝޯތަކެއް ހޭ ކުޅުނީ ގައިމު އަހަރެމެންނޭ ނުދެކޭ. ދެން މިހެން ގޮސް އަހަރެން ދުއްވަނީ ކޮން ކަހަލަ ކާރެއް ތޯ އާއި އަތުގައި އޮތީ ލުއި ވުޓޯންގެ ދަބަހެއް ތޯ އާއި އަހަރެން އަރަނީ ޖިމީ ޗޫގެ ފައިވާނަށް ތޯ މިކަހަލަ ގޮތަކަށް އެމީހުންގެ ވާހަކަ ހުންނަނީ”، ރުބީނާ ކިޔައިދިނެވެ. ނަމަވެސް ރުބީނާ ފާހަގަކުރި ކަމަކީ އޭނާއަކީ އެއް އިރެއްގައި ވެސް މާ ބްރޭންޑުތަކާ ވެގެން އުޅުނު މީހެއް ނޫންކަމެވެ.

މީގެ އިތުރުން ރުބީނާ ބުނިގޮތުގައި، ސްކްރީން ޓެސްޓާއި އޮޑިޝަން ތަކަކަށް ގިނަ މީހުން ސަމާލުކަމެއް ނުދެއެވެ. ކޮންމެ ގޮތެއްވިޔަސް އެމީހުން އިޚުތިޔާރު ކުރަނީ އެމީހުން ބޭނުންވާ މީހުން ކަމަށް ބުންޏެވެ.

ޓީވީ އެކްޓަރު އަބިނަވް ޝުކްލާއާ ކައިވެނިކޮށްގެން އުޅޭ ރުބީނާ ވަނީ، ނަން މަޝްހޫރު ޑައިރެކްޓަރު/ޕްރޮޑިއުސަރެއްގެ ފަރާތުން ދިމާވި ކަމެއްވެސް ކިޔައިދީފައެވެ. އަމިއްލަ ސަބަބުތަކަކަށްޓަކައި އެ ޕްރޮޑިއުސަރުގެ ނަން ހާމަނުކޮށް ރުބީނާ ބުނީ އޭނާ ކައިރިއަށް ފިލްމެއްގެ ފުރުސަތަކަށް އެދުމުން ކަންތައް ކުރީ ވަރަށް އިހާނެތިކޮށް ކަމަށެވެ.

“އެއީ ވަރަށް ނަން މަޝްހޫރު، ނުފޫޒުގަދަ ޕްރޮޑިއުސަރެއް. އޭނަ އަހަރެން ކައިރީގަ އޭނަގެ ކޮންމެވެސް ފިލްމެއްގެ ނަން ކިޔާ އަހަނީ އެ ފިލްމު ބެލިންހޭ. ދެން އަހަރެން ބުނީ އެ ފިލްމު ނުކުތް އިރު އަހަރެން އުޅުނީ ސްކޫލުގައޭ، އަދި އަހަންނަކީ ކުޑަ އަވަށެއްގަ އުޅެ ބޮޑުވި މީހަކަށްވީމަ، އެތާނގަ އޮންނަކަމެއް ނޫނޭ އަންހެން ކުދިން އެކަނި ފިލްމު ބަލަން ސިނަމާތަކަށް ދިޔުން”، އެ ތަޖުރިބާ ކިޔައިދެމުން ރުބީނާ ބުންޏެވެ.

ނަމަވެސް ރުބީނާގެ އެ ޖަވާބު ޕްރޮޑިއުސަރަށް ޤަބޫލުކުރަން އުނދަގޫވި ކަމަށް ބުންޏެވެ. “އޭނަ ބުނަނީ ހަމަ ރަނގަޅަށްހޭ، އަހަރެން ކޮށްފަ ހުރި މަސައްކަތްތައް ވެސް ކަލެއަކަށް ނޭނގޭހޭ”، އެ ޕްރޮޑިއުސަރު ވާހަކަ ދެއްކީ ރުބީނާ ވަރަށް ދަށް ކޮށްލާފައި ކަމަށް ބުންޏެވެ. އަދި އެކަހަލަ މީހެއްގެ ފަރާތުން އިވެން ނުޖެހޭ ކަހަލަ “އަންޕްރޮފެޝަނަލް” ބަސްތަކެއް ވެސް އިވުނު ކަމަށް ރުބީނާ ބުންޏެވެ.

ކޮންމެއަކަސް، ބޮލީވުޑުން މިހާތަނަށް ޖާގަ ނުލިބުނަސް ޓީވީ އިންޑަސްޓްރީގައި ރުބީނާ އަކީ ވަރަށް ފާހަގަކޮށްލެވޭ ނަމެކެވެ. އެގޮތުން ރުބީނާ އެންމެފަހުން ކުޅުނު ޑްރާމާ ސިލްސިލާ “ޝަކްތީ” އަކަށް ވަރަށް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ ޝޯއެކެވެ. އަދި “ބިގް ބޮސް 14” އިން އެންމެ ބޮޑު އަގެއް ވެސް ހުށަހަޅާފައިވަނީ ވެސް ރުބީނާ އަށާއި އޭނާގެ ފިރިމީހާ އަބިނަވް އަށެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!