ކަރީނާއާއި ސައިފް ފުރަތަމަ އުޅުނީ ފިލައިގެން ކައިވެނި ކުރަން!

ބޮލީވުޑްގެ މަޤުބޫލު ޖޯޑު ސައިފް އަލީ ޚާނާއި ކަރީނާ ކަޕޫރުގެ ކައިވެންޏަށް މިއަދު 8 އަހަރު ފުރިފައިވާއިރު، ބައެއް މީޑިއާތަކުން އަންނަނީ އެދެމީހުންގެ ގުޅުމާ ބެހޭގޮތުން އާންމުންނަށް މީގެކުރިން ނޭނގޭ ކަންތައްތަކެއް ހިއްސާކުރަމުންނެވެ. އެގޮތުން ބޮލީވުޑާ ބެހޭ އެކިއެކި ޚަބަރުތައް ގެނެސްދޭ ‘ބޮލީވުޑް ލައިފް’ އިން ލިޔެފައިވާ ޚަބަރެއްގައި ވަނީ، ކަރީނާއާއި ސައިފް 2012 ވަނަ އަހަރު ފިލައިގެން ގޮސް ސިއްރުން ކައިވެނިކުރަން އުޅުނު ވާހަކަ ކިޔައިދީފައެވެ.

2013 ވަނަ އަހަރު ކަރީނާ ‘ވޯގް’ މެގަޒިނަށް ދިން އިންޓަވިއުއަކާ ހަވާލާދީ ލިޔެފައިވާ ގޮތުގައި، ފިލައިގެން ގޮސް ކައިވެނި ކުރާނެ ކަމުގެ އިންޒާރު ކަރީނާ އޭނާގެ މައިންބަފައިންނަށް ދިނީ، ބޮޑު ހަފްލާއެއް ބާއްވައިގެން ކައިވެނި ކުރުމަށް އެމީހުން އެދެމުން ދިޔުމުންނެވެ. އެއާ ޚިލާފަށް ކަރީނާ އާއި ސައިފް ބޭނުންވީ މީޑިއާތަކަށް ވެސް ނޭނގި، ވަރަށް ސިއްރުވެރި “ޕްރައިވެޓް” ހަފްލާއެއް ބާއްވާށެވެ.

“އަހަރެމެން ދެމީހުން އިންޒާރުދިނިން، އެގޮތަށް ބާއްވަން އެއްބަސް ނުވެއްޖިއްޔާ ފިލައިގެން ގޮސް ލަންޑަނުގަ ކައިވެނި ކުރާނެ ކަމަށް”، އިންޓަވިއުގައި ކަރީނާ ކިޔައިދިނެވެ. އަދި އޭގެ ސަބަބެއް ކަމަށް ބުނީ، އެމީހުންގެ ދިރިއުޅުމުގައި ކުރާ ކޮންމެ ކަމެއް މީޑިއާތަކުގެ ސަމާލުކަމަށް އައިސް އެންމެންގެ ނަޒަރު ހުއްޓޭތީ، އެއްވެސް ކަމެއްގައި “އަގެއް ނެތް” ކަމުގެ އިހުސާސް ކުރެވުމެވެ.

“މީޑިއާއިން އެނގެން ބޭނުންވާނެ ކައިވެނީގެ ހަފްލާގަ ކާން ހުރީ ކޮން އެއްޗެއް ކަމާ، އަހަރެން ލައިގެން ހުރީ ކޮން ބްރޭންޑެއްގެ ހެދުމެއް ކަމާ، އަހަރެމެން ދަޢުވަތުދިނީ ކޮން ބަޔަކަށް ކަމާ މި ހުރިހާ އެއްޗެއް. އެހެންވެ އަހަރެމެން ދެމީހުން ހިތަށް އެރީ އޭރުން އަހަރެމެންގެ ކައިވެނީގަ އެއްވެސް ޙާއްސަކަމެއް ނެތޭ”، ކަރީނާ ކިޔައިދިނެވެ.

ކަރީނާ އިތުރަށް ބުނީ، ސައިފް އާއި ދެމީހުން ބޭނުންވީ އެމީހުންގެ ގުޅުމުގެ އެންމެ މާތް ހަރުފަތް (ކައިވެނި) އަމިއްލަ ކަމެއްގެ ގޮތުގައި ބާއްވަން ކަމަށެވެ. ނަމަވެސް އެމީހުން ވަކި ޕްރޮޓޮކޯލް އަކަށް އަމަލުކުރި ކަމަށާއި، ކައިވެނި ރެޖިސްޓާ ކުރުމަށްފަހު ޓެރަސް މައްޗަށް ގޮސް މީޑިއާތަކަށް ހަނާ އަޅައި ކައިވެނި ކުރެވުން ކަން އިޢުލާނުކުރި ކަމަށް ކަރީނާ ބުންޏެވެ. “އެކަމަކު އެއަށްވުރެ އިތުރަށް އެމީހުންނަށް (މީޑިއާތަކަށް) އެނގޭކަށް ނުޖެހޭ”، ކަރީނާ ބުނެފައިވެއެވެ.

2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަރީނާއާއި ސައިފްގެ ކައިވެނި މުމްބާއީގެ ބާންޑްރާގައި ކުރެވުނީ ޕްރައިވެޓް ހަފްލާއެއްގެ ތެރެއިންނެވެ. އެ ކައިވެންޏަށް 4 އަހަރު ފަހުން ކަރީނާއަށް ވަނީ ފިރިހެން ކުއްޖަކު ލިބިފައެވެ. އެއީ މިހާރު ގިނަ މީޑިއާތަކެއްގެ ސަމާލުކަން ލިބި މަޝްހޫރުވެފައިވާ ތައިމޫރު އަލީ ޚާން ޕަތައުޑީއެވެ. އެއާއެކު ކަރީނާ މިހާރު އިނީ އޭނާގެ ދެވަނަ ދަރިއަށް ބަލިވެއެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!