އައިސީޔޫގައި އޮތް އެކްޓަރުގެ ހޮސްޕިޓަލް ބިލްތަކާ ސަލްމާން ހަވާލުވެއްޖެ

ސިކުނޑީގެ އިންފެކްޝަނެއް އުފެދިގެން ބެންގަލޫރުގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ފަރުވާދެމުންދާ ކުރީގެ އެކްޓަރު ފަރާޒް ޚާންގެ ހޮސްޕިޓަލް ބިލްތަކާ މަޝްހޫރު އެކްޓަރު ސަލްމާން ޚާން ހަވާލުވެއްޖެއެވެ.

90 ގެ ފަހުކޮޅާއި 2000 ގެ ކުރީކޮޅު މަޤުބޫލު ފިލްމުތަކަކުން ފެނުނު ފަރާޒަށް ކުއްލިއަކަށް ކުރިމަތިވި ސިއްޙީ މައްސަލައެއްގެ ސަބަބުން ހާލު ސީރިއަސްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާކަން އާންމުންގެ ސަމާލުކަމަށް ގެނައީ ޕްރޮޑިއުސަރު އަދި ކުރީގެ އެކްޓްރެސް ޕޫޖާ ބަޓެވެ. އެގޮތުން ޕޫޖާ ޓްވިޓާ މެދުވެރިކޮށް އޮންލައިން ފަންޑެއްގެ ލިންކު ހިއްސާކޮށް، އެއަށް ފައިސާ ފޮނުވުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ޕޫޖާ އެ ޓްވީޓު ކުރިތާ އެއްދުވަސް ފަހުން އިއްޔެ، އެކްޓްރެސް ކަޝްމީރާ ޝާހު އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ ފަރާޒް ޚާންގެ ހޮސްޕިޓަލް ބިލްތަކާ ސަލްމާން ހަވާލުވެފައިވާ ކަމަށެވެ. އަދި ކަޝްމީރާ ވަނީ ސަލްމާނަށް ޝުކުރުއަދާކޮށް، އޭނާގެ އިންސާނިއްޔަތު ކަމަށް ތަޢުރީފުކޮށްފައެވެ.

ފަރާޒް ޚާން ކުޅެފައިވާ ބައެއް މަޤުބޫލު ފިލްމުތަކުގެ ތެރޭގައި ފަރޭބް (1996) އަދި މެހެންދީ (1998) ފާހަގަކޮށްލެވެއެވެ. ނަމަވެސް ފަހުން ބައެއް ޓީވީ ޝޯތަކުގައި މަސައްކަތް ކުރުމަށްފަހު، 2008 ގެ ފަހުން ފަރާޒް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާއިން ގެއްލިފައެވެ. ފަރާޒަކީ ކުރީގެ އެކްޓަރު ޔޫސުފް ޚާންގެ ދަރިއެކެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!