ކައިވެންޏާ ދިމާކޮށް އަދިތިޔާއަށް މާލީ ދަތިކަން، އެކައުންޓުގައި އޮތީ އެންމެ 18 ހާސް!

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އުދިތު ނާރާޔަންގެ ދަރިފުޅު އަދިތިޔާ ނާރާޔަން މި އަހަރުގެ ފަހުކޮޅު ކައިވެނިކުރަން އުޅޭކަން އިޢުލާނުކޮށްފައި ވަނިކޮށް، އޭނާގެ އަތްމަތި ދަތިވެފައި ވާ ކަން ހިއްސާކޮށްފިއެވެ.

ލަވަކިޔުންތެރިޔާ އަދި ޓީވީ ހޯސްޓު އަދިތިޔާ، ‘ބޮލީވުޑް ބަބްލް’ އަށް ދިން އިންޓަވިއުއެއްގައި ބުނީ އެއް އަހަރު ވަންދެން މަސައްކަތެއް ނެތި ހުންނަން ޖެހުމުން އިނދަޖެހިފައިވާ ކަމަށެވެ. އަދި މިހާރު އޭނާގެ ބެންކު އެކައުންޓުގައި އޮތީ އެންމެ 18،000 ރުޕީސް ކަމަށް އަދިތިޔާ ބުންޏެވެ.

“އަހަރެން ފަހަށް ރައްކާކޮށްފަ ހުރި ހުރިހާ ފައިސާއެއް ހުސްވެ، އެންމެ 18 ހާސް ބާކީ އޮތީ”.

އަދިތިޔާ ބުނީ މިހާރު މުޅި ދުނިޔެއަށް ވެރިވެފައި އޮތް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ސަބަބުން އިންޑިއާ ލޮކްޑައުން ކުރިފަހުން މަސައްކަތެއް ނުލިބޭ ކަމަށެވެ. އަދި ލޮކްޑައުންގެ މުއްދަތު އިތުރުކުރާ ނަމަ ގިނަ ބަޔަކު ބަނޑަށް ޖެހިގެން މަރުވާނެ ކަމަށް ވެސް އޭނާ ލަފާކުރިއެވެ.

33 އަހަރުގެ ލަވަކިޔުންތެރިޔާ ބުނީ މި ހިނގާ އޮކްޓޯބަރުގައި މަސައްކަތެއް ނުލިބޭނަމަ އޭނާގެ ސައިކަލު ވިއްކާލަން ޖެހޭ ހިސާބަށް ދާނެ ކަމަށެވެ. “އެކަކު ވެސް ހީކޮށްފަ އޮތް ކަމެއް ނޫން ކަންނޭނގެ މިއީ އެއް އަހަރު ވަންދެން މަސައްކަތެއް ނެތިފަ ހުންނަން ޖެހޭނެކަން. މިކަހަލަ ދަނޑިވަޅެއްގަ ދަތިތަކާ ކުރިމަތިނުވެ ތިބޭނީ ހަމައެކަނި ބިލިއަނަރުން”، އަދިތިޔާ ބުންޏެވެ.

ލޮކްޑައުންގެ ކުރިން އަދިތިޔާ މަސައްކަތް ކުރަމުން ދިޔައީ މަޝްހޫރު ރިއަލިޓީ ޝޯ “އިންޑިއަން އައިޑޮލް” ގެ ހޯސްޓުގެ ގޮތުގައެވެ.

އަދިތިޔާ ކައިވެނި ކުރަން ހަމަޖެހިފައި ވަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ ޝްވެތާ އަގަރްވާލް އާއެވެ. އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 10 އަހަރު ވެފައިވެއެވެ. އަދި މި އަހަރުގެ ފަހުކޮޅު (ނޮވެމްބަރު ނޫނީ ޑިސެމްބަރު) ގައި ކައިވެނި ކުރާނެ ކަމަށް އަދިތިޔާ ވަނީ ހާމަކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!