ބިގް ބޮސްގެ އާ ބައިވެރިން ޝެހެނާޒަކަށް ކަމަކުނުދޭ!

ކަލާޒް ޗެނަލުން ގެނެސްދޭ މަޤުބޫލު ރިއަލިޓީ ޝޯ “ބިގް ބޮސް” ގެ އެންމެ ކާމިޔާބު ސީޒަން ކަމަށްވާ މިދިޔަ އަހަރުގެ 13 ވަނަ ސީޒަންގައި އެންމެ ވިދައިލި އެއް ބައިވެރިޔާ ޝެހެނާޒް ގިލް، އާ ސީޒަންގެ ބައިވެރިންނާމެދު ދެކޭގޮތް ހިއްސާކޮށްފިއެވެ.

‘ޓައިމްސް އޮފް އިންޑިއާ’ އާ ވާހަކަ ދައްކަމުން ޕަންޖާބުގެ އެކްޓްރެސް/ލަވަކިޔުންތެރިޔާ ބުނީ އޭނާ މި ސީޒަން ފެށީންސުރެ ގަވާއިދުން ބަލަނީ ސިދާތު ޝުކްލާ ފެންނާތީ ކަމަށެވެ. ސިދާތަކީ މިދިޔަ ސީޒަންގައި ބައިވެރިވެގެން، ޝެހެނާޒާ ގާތް ގުޅުމެއް އުފެދުނު ބައިވެރިއެއް ކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މި ދެ ބައިވެރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ކަމަށް ވެސް އޭރު ވަނީ ތުހުމަތުކުރެވިފައެވެ. ނަމަވެސް އެ ތުހުމަތުތަކަށް ދެމީހުން ވެސް ވަނީ އިންކާރުކޮށްފައެވެ.

ބިގް ބޮސް ސީޒަން 14 ގެ އާ ބައިވެރިންނާ ބެހޭގޮތުން ވާހަކަ ދައްކަމުން ޝެހެނާޒް ބުނީ، އެމީހުން މިހާތަނަށް ފެންނަނީ “ވާނުވާ ނޭނގިފައި” ތިބި ބައެއްގެ ގޮތުގައި ކަމަށެވެ. އަދި އެކަކު އަނެކަކާ މާ ވަރުގަދަ ކޮމްޕެޓިޝަނެއް އޮތް ތަން ވެސް ނުފެންނަ ކަމަށް ބުންޏެވެ.

“އެކަމަކު އެމީހުންގެ އަސްލު ސޫރަ ވަރަށް އަވަހަށް ފާޅުވާނެ ކަމަށް ބެލެވެނީ. އެއީ ކިތަންމެ މާތްވެގެން، ހިތްހެޔޮ ވެގެން އުޅޭ މީހުންނަށް ވެސް އެގޮތުގަ މާ ގިނަ ދުވަހު ހިފަހައްޓައެއް ނުލެވޭނެ އެގޭތެރެއަކު”، ތަޖުރިބާގެ އަލިން ވާހަކަ ދައްކަމުން ޝެހެނާޒް ކިޔައިދިނެވެ.

ޝެހެނާޒް ބުނީ މި ސީޒަންގެ ބައިވެރިން ތިބެނީ މާ ބޮޑަށް ސީނިއާ ބައިވެރިންނަށް ބަރޯސާވެގެން ކަމަށެވެ. އަދި މިދިޔަ ސީޒަނާ އަޅާކިޔަމުން ބުނީ، މިދިޔަ ސީޒަނުގައި ފުރަތަމަ ހަފްތާއިން ފެށިގެން ވެސް އެންމެން ދިޔައީ އެމީހުންގެ އެންމެ “ބެސްޓު” ދައްކަމުން ކަމަށެވެ. “އަހަރެމެންގެ ސީޒަން ހުރިހާ ގޮތަކުން ވެސް ތަފާތު. ކޮންމެ މީހެއް ވެސް ވަކިވަކިން ވިދައިލި ސީޒަނެއް އެއީ”.

ޝެހެނާޒަކީ ބިގް ބޮސްގެ މިފަހަރުގެ ސީޒަނުން ވެސް ފެންނަން އެންމެ ގިނަ ބަޔަކު އެދޭ އެއް މޫނެވެ. ސަބަބަކީ “ބިގް ބޮގް 13” އެހާ ކާމިޔާބުވުމުގެ ފަހަތުގައި ޝެހެނާޒްގެ ދައުރު ބޮޑުކަމުންނެވެ. އަދި އޭނާއަކީ މީގެކުރިން ނުފެންނަ ފަދަ މަޖާ މިޒާެޖެއްގެ ވެރިއެއްކަން ބެލުންތެރިން އަންނަނީ ފާހަގަކުރަމުންނެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!