ބަދަލުގެ ގޮތުގައި ދީބާޖާ އިންވެސްޓްމަންޓަށް 348 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުގެ މައްޗަށް ކުރި ހުކުމް ރިވިއު ކުރުމަށް ބަންޑާރަ ނައިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުން ކޯޓުގައި ތާވަލް ކޮށްފިއެވެ.
މި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ މާދަމާ ހެނދުނު 10:00 އަށެވެ.
މި މައްސަލަ ރިވިއު ކުރުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ސުޕްރީމް ކޯޓަށް ހުށަހެޅީ މިިދިޔަ ޖެނުއަރީ މަހުގެ 28ވަނަ ދުވަހުއެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ ދީބާޖާ މައްސަލާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމާއި މެދު އާއްމުންގެ ކަންބޮޑުވުންތައް އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާ ކަމަށެވެ. އެހެންކަމުން އާއްމުންގެ މަސްލަހަތަށް ރިއާޔަތްކޮށް އެ މައްސަލަ ރިވިއު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ބަންޑާރަ ނާއިބުގެ އޮފީހުން މައުލޫމާތުދެއެވެ.
އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް 2010 ވަނަ އަހަރު ދީބާޖާއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމް މިދިޔަ އަހަރު ސުޕްރީމް ކޯޓުން ވަނީ ދަމަހައްޓައިފަ އެވެ.