ކަނޑޫފާތައް މަރުވާތީ އިންޑިއާ ޔުނިވާސިޓީއެއްގެ އެހީ ހޯދައިފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކަނޑޫފާތައް މަރުވާ މައްސަލާގައި، ދިރާސާތައް ހެދުމަށް އިންޑީއާގެ ޔުނިވާސިޓީއެއްގެ އެހީ ހޯދުމަށް އީޕީއޭއިން ނިންމައިފިއެވެ.

އީޕީއޭއިން މިއަދު ބުނީ ކަނޑޫފާތައް މަރުވާ މައްސަލައާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް މިއަދު އިންޑިއާގެ ކޮޗިން ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މާހިރުންތަކަކާއެކު އޮންލައިން ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.

ކަނޑޫފާތަކުގައި ޕްލާންޓް ޕެތޮޖެން އާއި ޕެސްޓު ހުރިތޯ ބެލުމަށް ޕީސީއާރު އަދި ޑީއެންއޭ ސީކުއެންސް އެނަލިސިސް ހެދުމުގައި އެ ޔުނިވާސިޓީއިން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އީޕީއޭއިން ބުންޏެވެ. އޭގެ އިތުރުން ވެލި އަދި ފެނުގެ ސާމްޕަލްތައް ތަހުލީލުކޮށްދޭނެ ކަމަށް އެ އެޖެންސީއިން ބުންޏެވެ.

އީޕީއޭއިން ބުނި ގޮތުގައި މި ބައްދަލުވުމަކީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި އެންވަޔަރަމެންޓް މިނިސްޓްރީގެ އެހީގައި ބޭއްވި ބައްދަލުވުމެކެވެ.

އީޕީއޭއިން ވަނީ، އެ ދިރާސާހެދުމަށް އިންޑިއާ ހައިކޮމިޝަނުން އެހީތެރިކަން ފޯރުކޮށްދިން ކަމަށްޓަކައި ޝުކުރު އަދާކޮށްފައެވެ.

Switch to latin

ތާނަ ލެޓިން އިން ލިޔުއްވާ!