ހދ. ނެއްލައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 38 ޕަސެންޓް ނިމިއްޖެއެވެ.
އެމްޓީސީސީން ބުނެފައި ވަނީ ނެއްލައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 38 އިންސައްތަ މަސައްކަތް ނިމިފައި ވާއިރު އެ މަޝްރޫއުގެ ތެރެއިން ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
އެ މަޝްރޫއުގެ ދަށުން 22،860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުން ހިމެނެ އެވެ. އަދި ކުރިން ފުންކޮށްފައިވާ 10،294 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމުގެ މަސައްކަަތް ވެސް މި މަޝްރޫއުގެ ދަށުން ކުރުމަށް ވަނީ ނިންމާފައި ކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، 164 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 224 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 2,102 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެ އެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުއަކީ 47.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢު މޮބިލައިޒްކުރެވިފައިވަނީ 27 ފެބްރުއަރީ 2020 ގައެވެ.