ކޯވިޑް-19އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު މިދިޔަ އާދީއްތަ ދުވަހު ރެކޯޑު އަދަދަކަށް އިތުރުވެއްޖެއެވެ.
މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑްއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓުތަކުގެ އަދަދު 147 އަރައެވެ.
މީގެތެރޭގައި ހިމެނެނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ރަންވޭގެ 39 ފުލައިޓު މޫވްމަންޓާއި، ސީޕްލޭންގެ 108 އެއަރ ޓްރެފިކް މޫވްމަންޓެވެ. އެއަރ ޓްރެފިކް މޫވްމަންޓަކީ، އެއަރޕޯޓަށް ޖައްސާ ފްލައިޓުތަކުގެ އަދަދާއި އެއަރޕޯޓުން ފުރާފައިވާ ފްލައިޓުތަކުގެ އަދަދެވެ.
ބޯޑަރުތައް އަލުން ހުޅުވާލިފަހުން ރާއްޖޭގެ ޤައުމީ އެއަރލައިން ހިމެނޭހެން 10 އެއަރލައިންއަކުން ދަނީ ދަތުރުތައް ބާއްވަމުންނެވެ. މީގެތެރެއިން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޤަތަރު އެއަރވޭސްގެ ފްލައިޓްތަކުންނެވެ.