މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންތަކެއްގައި ބަނގުރާއާއި މަސްތުވާތަކެތި ހޯދައި ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
އެ އޮޕަރޭޝަންތައް ހިންގާފައިވަނީ ޏ. ފުވައްމުލަކުގެ އިތުރުން އދ. އަތޮޅުގައެވެ.
އެގޮތުން ފުވައްމުލަކު ގެއެއްގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 19 އަހަރުގެ މީހަކާއި 26 އަހަރުގެ ދެ މީހުންގެ އިތުރުން 28 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުންނެވެ.
މި މަހުގެ 12 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކޯޓުއަމުރެއްގެ ދަށުން އެމީހުން ހައްޔަރުކޮށް އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
އެ ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް ދެ މީހަކަށް 12 ދުވަހުގެ މުއްދަތު ދީފައިވާއިރު އެކަކަށް ހަތް ދުވަސް އަދި އަނެކަކަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މީގެ އިތުރުން މާމިގިލީގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން، މި މަހުގެ 12 ވަނަ ދުވަހު އެރަށުގައި ހިންގި އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކެއް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މާމިގިއްޔަށް ބަނގުރާފުޅިތަކެއް އެތެރެކޮށްފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުގައި ހުރި ގަސްތަކެއްގެ ތެރެއިން ފަސް ފުޅި ބަނގުރާ ހޯދާފައިވެއެވެ.
މަހިބަދޫގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ބޭނުންކުރާކަމަށް އެރަށު ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މި މަހުގެ 12 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވެއެވެ.
އެ އޮޕަރޭޝަނުގައި އެރަށު ފަޅުގެއެއް ބަލައި ފާސްކޮށް މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ރަބަރުޕެކެޓާއި، ފިލްމު ހުސްކުރި ދަޅެއް ފެނިފައިވެއެވެ.
މި ދެ މައްސަލައިގައި ވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މިމައްސަލަތައް ތަހުގީގު ކުރަމުންނެވެ.