މާލޭގެ ލޮނުޒިޔާރަތް ކޮޅުގައި ސިޓީ ކައުންސިލުން ހަދާފައިވާ ”ލޮނުޒިޔާރަތް ބަގީޗާ” އަންނަ ނޮވެމްބަރު މަހު އާންމުންނަށް ހުޅުވާލާނެ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން ކުރިން ނިންމާފައި އޮތީ ޖުލައި މަހު ބަގީޗާ ހުޅުވުމަށެވެ. އެކަމަކު އެ މުއްދަތު ފަހަނަ އަޅާ ދިޔައިރުވެސް ”ލޮނި ޒިޔާރަތް” ބަގީޗާއެއް ނުހުޅަވައެވެ. ސިޓީ ކައުންސިލުން ބުނެފައިވާ ގޮތުން ބަގީޗާ ހުޅުވުން ލަސްވަނީ މާލޭގައި ކޮވިޑުގެ ހާލަތު ގޯސްވުމުގެ ސަބަބުންނެވެ.
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، ބަގީޗާ ހުޅުވުން ލަސްވަނީ، ބަގީޗާ ހުޅުވަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ބަޔަކު ހުރަސް އަޅަމުން އަންނާތީ ކަމަށެވެ. އެކަމަކު ހުރިހާ މަސައްކަތް ނިމިފައިވާ ކަމަށާއި، މިހާރު މަސައްކަތް ކުރަނީ ނޮވެމްބަރު މަހު ބަގީޗާ ހުޅުވަން ކަމަށެވެ. ނަމަވެސް ސީދާ ތާރީހެއް ޝިފާ ވިދާޅެއް ނުވެއެވެ.
“ލޮނުޒިޔާރަތް ބަގީޗާ”އަކީ ގިނަ އަދަދެއްގެ ގަސްތައް ހިމެނޭ ގޮތަށް ތަރައްގީ ކޮށްފައިވާ ރާއްޖޭގައި މިވަގުތު ހުރި އެންމެ ބޮޑު ބަގީޗާއެވެ.