އެސްޓީއޯއަށް ބެލެނިވެރިކަން ދީފައި އޮންނަ ސަރުކާރުގެ މަސް ކުންފުނި، މިފްކޯގެ ކަނޑުއޮތްގިރީ ކާރުހާނާގައި މަސް ބަންދުކޮށް ދިނުމުގެ ހިދުމަތް އަލުން ފަށަން ހަތަރު ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
މަސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، އިސްމާއިލް ފައުޒީ ރާޖެ ޓީވީގެ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ވިދާޅުވީ މާލެ އަތޮޅު ކަނޑުއޮތްގިރީގައި މަސް ބަންދު ކުރުން އަލުން ހުޅުވާލަނީ މަސްވެރިކަން ފުޅާކުރަން މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ތެރެއިން ކަމަށާއި އެ ރަށުގަި ބޮޑުކަންނެއްޔާއި ފަރުމަހުގެ ބާވަތްތައް ވެސް ބަންދު ކުރާނެ އިރު ހަތަރު ފަރާތަކުން އެކަން ކުރަން ޝައުގުވެރިވާ ކަމަށެވެ.
މިފްކޯގެ ކަނޑު އޮތްގިރިއަށް އަރާ ފޭބުމަށް ބޭނުން ކުރާ މަގަތުފާލަން ވަރަށް ބޮޑަށް ހަލާކުވެފައިވާތީ އެ ރަށުގެ މަސައްކަތް ހުއްޓިފައި އޮންނަތާ ދުވަސްތަކެއް ވެފައި ވެއެވެ.
ކަނޑުއޮތްގިރި ގައި ބޮޑުކަންނެއްޔާއި ފަރުމަސް ބަންދު ކުރަން އެދޭ ފަރާތްތަކާއި އެކީ މި މަސައްކަތް ކުރިއަށް އޮތް ހަފްތާއެއް ދުވަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެ ކުންފުނިން ބުނީ، އެކްސްޕޯޓް ކުރެވޭ ތާޒާ މަހުގެ ބާވަތްތައް އިތުރުވެގެން ދިޔުމުން، ރާއްޖެ އަށް އެތެރެވާ ބޭރު ފައިސާގެ މިންވަރު އިތުރުވެގެން ދިޔުމުގެ މަގު ތަނަވަސް ވެގެންދާނެ ކަމަށެވެ.